ދުނިޔެ

ދެ އަހަރެއްހައި ދުވަހަށް ފަހު އިސްރާއީލުގެ ޖަލުން ފަލަސްތީނުގެ އެމްޕީ ޚާލިދާ މިނިވަންކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެ އަހަރެއްހައި ދުވަހު އިސްރާއީލްގެ ޖަލު ބަންދުގައި އިން ފަލަސްތީނުގެ އެމްޕީ ޚާލިދާ ޖައްރާރު މިނިވަން ކޮށްފިއެވެ.

Ads by Sosun Fihaara

އިސްރާއީލް ސަރުކާރުން ޚާލިދާ މިނިވަން ކޮށް، އަނބުރާ ފަލަސްތީނަށް ފޮނުވައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު ސަލީމް ޗެކްޕޮއިންޓުންނެވެ.

ޚާލިދާއަކީ ފަަލަސްތީނުގެ ޕޮލިޓިކަލް އެންޑް ސިވިލް ސޮސައިޓީ ލީޑަރެއްގެ އިތުރުން ފަލަސްތީނިއަން ލެޖިސްލޭޓިވް ކައުންސިލް (ޕީއެލްސީ)ގެ މެންބަރެއް ވެސް މެއެވެ.

އިސްރާއީލު ސިފައިން ޚާލިދާ ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެއިރު އޭނާ ހައްޔަރު ކުރީ އެއްވެސް ޝަރީއަތަކާ ނުލައި 20 މަސް ދުވަސް ވަންދެން ޖަލުގައި ބަންދު ކުރުމަށް ފަހު މިނިވަން ކުރިތާ އަށް މަސް ފަހުންނެވެ.

ޚާލިދާ ބަންދު ކޮށްފައި ހުއްޓައި، އޭނާގެ އެއް ދަރިކަނބަލުން، ސުހާ (31އ.) ވަނީ މި އަހަރުގެ ޖުލައި މަހު ނިޔާވެފައެވެ. ދަރިކަނބަލުންގެ ޖަނާޒާގައި ބައިވެރިވުމަށް ޚާލިދާ ދޫކޮށްލުމަށް އެއިރު ފަލަސްތީނު ސަރުކާރުން އެދުމުން ވެސް، އިސްރާއީލުން ވަނީ އެކަން ކުރެވެން ނެތް ކަމަށް ބުނެފައެވެ.

ޖަލުން ސަލާމަތްވުމާ އެކު ޚާލިދާ ވަނީ ދަރިކަނބަލުން ފަސްދާނުލެވިފައި އޮތް ސަހަރާއަށް ޒިޔާރަތް ކޮށްފައެވެ.

ޚާލިދާ މިނިވަން ކޮށްފައިވީ ނަމަވެސް، އޭނާ އެންމެ ފުރަތަމަ ދުވަހު ވެސް ހައްޔަރު ކުރީ ކީއްވެކަން އިސްރާއީލު ސިފައިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!