ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަނީ
ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ހުށަހެޅުންތައް ނިމިއްޖެ ނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި އެ މަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމޭނެ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގައި ބަލަމުންދާ މި މައްސަލައިގައި، އިސްތިއުނާފީ 22 ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ. ފަސް އަޑުއެހުމެއްގައި ހުށަހެޅި އެ ނުކުތާތަކަށް ދައުލަތުން ޖަވާބު އަރުވައިފައި ވަނީ އެންމެ އަޑުއެހުމެއްގައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތަށާއި ދައުލަތަށް ވެސް ވަނީ ރައްދު ދޭން ފުރުސަތު ދީފައެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށާއި ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އައު ހެކިތައް ހުށަހަޅަން ރައީސް ޔާމީނަށް ފުރުސަތެއް ދެވޭނެ ކަމަށެވެ. އަދި މި ހުރިހާ މަރުހަލާއެއް މިއަދުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަމަށް ވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
އަމާޒު ކޮށްފައިވާ ފަދައިން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިއްޖެ ނަމަ، އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.