ޝަރުޢީ ދާއިރާ

ކުރީގެ ފިރިމީހާ މަރައިލި ނަޒާހާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ފިރިމީހާ މަރައިލިކަން ސާބިތުވެފައިވާ ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ދަށު ކޯޓުން ނިންމި ނިންމުން ހަ އަހަރު ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލަ ބަލައިގެންފިއެވެ.

Ads by STELCO

ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަަނަ އަހަރު ދަށު ކޯޓުން ހުކުމް ކުރީ، 2010 ވަނަ އަހަރު އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރައިލިކަން ސާބިތުވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހުގައެވެ.

މި މައްސަލަ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށްވުން ކަމަށެވެ.

ކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން ނަޒާހާގެ ފަރާތުން އަލުން އިސްތިއުނާފް ކުރުމުން މިމަހުގެ 22 ވަނަ ދުވަހު ވަނީ އެ މައްސަލައާ ގުޅިގެން އިޖުރާއީ އަޑުއެހުމެއް ބާއްވައިފައެވެ.

އެ އަޑުއެހުމުގައި ދެފަރާތުން ދެއްކެވި ވާހަކަތަކަށްފަހު ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެފައިވާ ކަމަށް ކޯޓުން އަންގައިފައިވާ ކަމަށް ނަޒާހާގެ ދިފާއީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު މިއަދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!