މަސްދަރު ހާމަކުރަންޖެހޭ މާއްދާ މުރާޖަޢާ ކުރުމަށް ސަރުކާރުން ނިންމައިފި

ސަރުކާރުން ސްޕޮންސަރ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާ މުރާޖަޢާ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިންނާ އެކު ކުރެވޭ މުޢާމަލާތަށް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާއިރު، މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމުގެ ޢާންމު މަޞްލަޙަތު ބޮޑު ކަމަށް ޝަރީޢަތަށް ބުރަވެވޭ ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ކަނޑައަޅައިފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ޙާލަތްތައް ކަމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމާ އެކު މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.
އެހެން ނަމަވެސް، ހެއްކާ ބެހޭ ބިލުގައި ހިމެނޭ އިސްވެ ދެންނެވި އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށް ޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއެެވެ.