27,000އަށް ވުރެ ގިނަ ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން 27,000އަށް ވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންތަކުގެ ތެރެއިން 27,697 ކުދިން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 218 ސްކޫލެއްގެ ދަރިވަރުންނެވެ.
މީގެ އިތުރުން މި މަހުގެ 26ގެ ނިޔަަލަށް 35,989 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 178 ސްކޫލެއްގެ ދަރިވަރުންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އުމުރުގެ 36,000އަށްވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިޔަށްދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 335,965އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 391,739އަށް އަރައިފައެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި ކޮވީޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑާލައިފައެވެ.