ވިޔަފާރި

އާބާދީގެ 100އިންސައްތައަށް ހައިސްޕީޑް މޮބައިލް އިންޓަނެޓްގެ ހިދުމަތް ދިރާގުން ފޯރުކޮށްދީފި: ސީއީއޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ހިދުމަތް ފޯރުކޮށްދިން ދިރާގުން ވަނީ، ރާއްޖޭގެ އާބާދީގެ 100 އިންސައްތައަށް ހައިސްޕީޑް މޮބައިލް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށް އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.

ދިރާގުގެ 33ވަނަ އަހަރީ ދުވަހާ ގުޅިގެން، ދެއްވި ވީޑިއޯ ޚިޠާބެއްގައި އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް ވިއުގައަކުން ގުޅައިލައިފައި ކަމަށާއި ފުރަތަމަ ފަހަރަށް ރާއްޖޭގެ އާބާދީގެ 100 އިންސައްތައަށް މޮބައިލް ފޯނު އަދި ހައިސްޕީޑް މޮބައިލް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށެވެ.

"އަދި މުޅި ރާއްޖޭގެ ގޭބިސީތަކުގެ 80 އިންސައްތައަށް ދިރާގުގެ ފައިބާ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް މިއަދު މިވަނީ ގިނަ ރަށްތަކަށް ތައާރަފްކުރެވިފައި" ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ، އިންޓަނެޓްގެ ސްޕީޑް ހަލުވިކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ރާއްޖެ ދުނިޔެއާ ގުޅާލުމަށް ދިރާގުން ބޮޑު ހިއްސާއަކާ އެކު ވަނީ ދެވަނަ ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމް ކުރެވިފައި ކަމަށެވެ.

އަދި ރާއްޖެއާއި ގްލޯބަލް އިންޓަނެޓް ނެޓްވޯކާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ވެސް ދިރާގުގެ ސީއީއޯ އަދި އެމްޑީ ވަނީ ފާހަގަ ކުރައްވައިފައެވެ.

ދިރާގުގެ އަމާޒަކީ ރާއްޖެއަށް އިތުރު ތަރައްގީއާއި ފާގަތިކަން ގެނެސްދިނުން ކަމަށް އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

އެމްޑީ އިސްމާއީލް ވިދާޅުވީ ދިރާގު ކުންފުންޏެއްގެ ގޮތުގައި ކުރިއަރައިގެން ދިޔައީ އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށާއި އެ މަސައްކަތާއި ރާއްޖޭގެ ތަރައްގީއާ ވަނީ ގުޅިފައި ކަމަށެވެ. އަދި ދިރާގަކީ ކަސްޓަމަރުން ވަރަށް އިތުބާރު ކުރާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!