އޮފިސަރުން ވަކިކުރުމުގެ ނިންމުމުގައި ސިޔާސީ ނުފޫޒެއް ފޯރައިފައިވޭތޯ އިމްރާންއާ ސުވާލު ކުރަނީ
ޚިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވި ނިންމެވުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲއާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ، އެ މައްސަލައިގައި އިމްރާންއާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.
ޝިޔާމް ވަޒީރާ ކުރެއްވުމަށް ހުށަހަޅުއްވައިފައިވާ ސުވާލަކީ، ފުލުހުންގެ ޚިދުމަތުގެ އާ ޤާނޫނުގެ ދަށުން، ފުލުހުންގެ މަތީ ރޭންކްތަކެއްގައި ތިބި އޮފިސަރުންތަކެއް މަޤާމުން ވަކި ކުރަން ނިންމައިފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އިންސާފުވެރިކަމާއެކީތޯއާއި މި އޮފިސަރުން ވަކި ކުރަން ނިންމި ނިންމެވުމަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯއެވެ.
ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމައްސަލައިގައި އިމްރާން އިތުރުފުޅު ހައްދަވަނީ ކިހާ ވަރަކަށްތޯ ބައްލަވާނެ ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ އެކި ތުހުމަތުތައް ކުރެވުނު އިސް އޮފިސަރުންތަކެއްގެ މައްސަލަ ބަލައި ހަތް އޮފިސަރަކާ މެދު ފިޔަވަޅު އަޅަން މިދިޔަ އޮގަސްޓް 9ގައި ވަނީ ލަފާ ދެއްވައިފައެވެ.
ވަކިކުރަން ބޯޑުން ނިންމެވި އޮފިސަރުން
އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ
އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު
އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
މީގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ)އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދަށް ޕޮލިސް ބޯޑުގެ ނިންމެވުން ދިރާސާކުރެއްވުމަށް ފަހު އިސް ދެ އޮފިސަރަކު ވަކިކުރުމުގެ އިޖުރާއަތު ފަށަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޯޓިސް ފޮނުއްވައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.