ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށް: ހޯމް މިނިސްޓަރ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު އަދިވެސް ކުރިޔަށްދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަ ކޮށްލުމަށް ފާޅުގައި އިންޒާރު ދެއްވި މީހަކު ކޯޓަށް ހާޒިރުކުރި ދެ ދުވަހު ވެސް ރައީސް ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ކޯޓުގައި ދެއްވި މައްސަލައިގައި އަވަސް ޖިނާޢީ ތަހުގީގެއް ފަށައިފައިވޭތޯ މިނިސްޓަރ އިމްރާނާ ސުވާލު ކުރައްވައިފައެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މީހާގެ އަވަސް ތަހުގީގެއް ފެށިފައިވޭތޯ ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެ ހަމަލާގެ ތަހުގީގު މިހާރުވެސް ކުރިޔަށް ދާ ކަމަށެވެ.
“ރައީސް ނަޝީދަށް އިންޒާރު ދިން ފަރާތް ސީދާ އަވަސް ތަހުގީގެއް ފެށިފަ ވޭތޯ އެއަށް މިވަގުތު އަޅުގަނޑަށް ޖަވާބު ދޭކަށް ނޭނގޭ. އެހެން ނަމަވެސް އެ ހަމާލާގެ ތަހުގީގު މިހާރު ވެސް ކުރިޔަށް ދޭ”މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ފޭސްބުކް ކޮމެންޓެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އިސްމާއީލް ޔާސިފް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހުއެވެ. ހައްޔަރުކޮށްގެން އޭނާ ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ކޯޓުގެ ހުރުމަތް ކަނޑައިގެން ވެސް އޭނާ ވަނީ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓުގައި ވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފައެވެ. އެކަމާ ގުޅިގެން އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އެއްމަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވެއެވެ.