ގިނަ ހިދުމަތްތަކަކާ އެކު ސްޓެލްކޯގެ ވޯކްޝޮޕް "ސްޓެވޯ" އިފްތިތާހް ކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ވޯކްޝޮޕް "ސްޓެވޯ" އިފްތިތާހް ކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގައި ގާއިމް ކޮށްފައިވާ މި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.
މިކަމަށް ޚާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިރޭ އިފްތިތާހު ވެގެން ދިޔަ "ސްޓެވޯ" ވޯކްޝޮޕަކީ އިޤްތިޞާދު ޑައިވާސް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މީގެ 70 ވަރަކަށް އަހަރު ކުރިން 12 ކިލޯވޯޓުން ފެށުނު ކަމެއް މިހާރު މާލޭގައި 70 ނޫނީ 100 މެގަވޯލްޓާ ހިސާބަށް ކެޕޭސިޓީ މި ވަނީ ސްޓެލްކޯއަށް ބިލްޑު ކުރެވިފައި. އޭގެން އެބަ ދޭހަވޭ ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އައިސްފައިވާ ބަދަލުތައް" މިނިސްްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިޤްތިޞާދެއްގެ ހަކަތައަކީ ކަރަންޓު ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ އިޤްތިޞާދުގެ ކުރިއެރުމުގައި އެންމެ ބޮޑު އިސް ރޯލެއް ކުޅެނީ އަޅުގަނޑުމެންނަށް ހަކަތަ ލިބޭ މިންވަރުން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވީ، އިލެކްޓްރިކް ކާރު ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯގައި އެސެމްބަލް ކުރުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅޭކަމަށެވެ. އަދި މިވިސްނުމަކީ ރާއްޖޭގެ މާހައުލަށް އެންމެ ވިހަ ގޭސްތައް ދޫކުރަމުންދަނީ އެކި ޒާތުގެ ވެހިކަލްތަކުން ކަމަށްވާތީ، ރާއްޖޭގެ ތިމާވެއްޓަށް އެންމެ ރަނގަޅު އެއް ބާވަތައް އިލެކްޓްރިކް ވެހިކަލް ވާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

ސްޓެވޯއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ.
އެ ވޯކްޝޮޕުގައި ތިން މޮޑިއުލެއް ތައާރަފުކޮށްފައިވާ ކަމަށް ވޯކްޝޮޕާ ބެހޭ ގޮތުން މައުލޫމާތު ދެމުން ސްޓެލްކޯއިން ބުންޏެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800އެވެ. އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ ކަމަށާއި ވޮރެންޓީ ވެސް ދޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓެލްކޯ ވޯކްޝޮޕުން ދޭ ހާއްސަ ހިދުމަތެއްގެ ގޮތުގައި، އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ހިމެނެއެވެ. އެ ހިދުމަތަކީ އަގުބޮޑު މެޝިނަރީޒް ސާފުކުރުމަށް ދޭ ހިދުމަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.