އަފްގާން މިސްކިތެއް ގޮއްވައިލުން: 100 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި ޒަޚަމްތަކެއް، ގިނަ ބަޔަކު ޝަހީދު ވެއްޖެ
އަފްގާނިސްތާނުގެ މިިސްކިތެއްގައި ޖާނު ގޮއްވައިލައިގެން ދިން ހަމަލާއެއްގައި 100އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއަދުގެ ހުކުރު ނަމާދު ވަގުތުގައި އަފްގާނިސްތާނުގެ ކުންދުޒްގެ މިސްކިތެއްގައި ދިން މިހަމަލާއަކީ އެގައުމުގެ ވެރިކަމަށް ތާލިބާނުން އައިފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މިސްކިތުގައި ދިން މިނުރައްކާތެރި ހަމަލާއަށް ފަހު މިސްކިތުގެ ހާލަތު ފެނިގެންދާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި ޒަހަމްވެފައިވާ މީހުންތައް މިސްކިތުގެ ތެރެއަށް ވެއްޓިފައި ތިއްބާ ފެނެއެވެ.
ހަމަލާގެ ސަބަބުން މަރުވި މީހުންގެ ސީދާ އަދަދެއް ބުނަން ނޭނގުނު ނަމަވެސް މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު 100އަށް ވުރެ ގިނަކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުންދުޒް ޕްރޮވިންސްގެ ޑެޕިއުޓީ ޕޮލިސް ޗީފް މުހައްމަދު އުބައިދާ ބުނެފައިވާ ގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަރުވެފައެވެ. ކުންދުޒް ޕްރޮވިންސްގެ ޕްރޮވިންޝަލް ހޮސްޕިޓަލުުން ބުނެފައިވާ ގޮތުގައި އެހޮސްޕިޓަލަށް މަރުވެފައިވާ 35 މީހެއްގެ ހަށިގަނޑާއި ޒަހަމްވެފައިވާ 50 މީހުން ގެންގޮސްފައިވެއެވެ. ހަމަލާގައި ޒަހަމްވި ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށާއި އެހެންކަމުން މަރުވި މީހުންގެ އަދަދު އަދިވެސް މައްޗައް ގޮސްދާނެކަމަށް އޮފިޝަލުން ލަފާކުރެއެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގައިފައެއް ނުވެއެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ އައިސިސްއަށެވެ.