ރާއްޖެ-ލަންކާ: ދަގަނޑޭގެ ޑަބަލް ހެޓްރިކާ އެކު، 10 ލަނޑުން ބަލި ކުރި ޓީމެއް!
އުރީދޫ ސާފްޗެންޕިއަންޝިޕްގައި ރާއްޖެ މިއަދު ހަވީރު ލަންކާއާ ދެކޮޅަށް ނިކުންނައިރު، މިއަދުގެ މެޗަކީ ވެސް ސާފުގެ ރޭހުގައި ރާއްޖެ އޮތުމަށް މުހިންމު މެޗެކެވެ.
ތާވަލްގެ އެންމެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތް ލަންކާއާ ދެކޮޅަށް ރާއްޖެ މިއަދު ނިކުންނައިރު، ތާރީޚަށް ބަލާލާއިރު ފޭވްރިޓަކީ ރާއްޖެއެވެ. މިހާތަނަށް ސާފް ޗެންޕިއަންޝިޕްގެ މެޗެއްގައި ލަންކާއަށް ރާއްޖެ އަތުން މޮޅެއް ލިބިފައެއް ނުވެއެވެ. މިހާތަނަށް ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ހަތް މެޗް ކުޅެފައިވާއިރު، ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި ދެ މެޗުން އެއްވަރުވެފައިވެއެވެ.
ރާއްޖެ އަދި ލަންކާ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2013 ވަނަ އަހަރު ސާފްގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗެވެ. އެ މެޗް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ 10-0ގެ ނަތީޖާއަކުންނެވެ، އެ މެޗްގައި އަލީ އަޝްފާޤް (ދަގަނޑޭ)ވަނީ 6 ގޯލް ކާމިޔާބުކޮށް ޑަބަލް ހެޓްރިކް ފުރިހަމަކޮށްފައެވެ
ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ އަދި ލަންކާ އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ މެޗުން ރާއްޖެ އަދި ލަންކާވީ އެއްވަރެވެ. ގްރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކުރީ ގުރު ނަގައިގެންނެވެ. އެއީ، ރާއްޖެ-ލަންކާ ޕޮއިންޓާއި ގޯލްގެ ތަފާތު އަދި ހެޑް ޓު ހެޑް ވެސް އެއްވަރުވުމުންނެވެ.
މިހާތަނަށް މިމުބާރާތުގައި ކުޅުނު މެޗުތަކަށް ބަލައިލާއިރު، ރާއްޖެ ފުރަތަމަ ކުޅުނު މެޗުން ނޭޕާލް އަތުން ވަނީ ބަލިވެފައެވެ. އެ ބައްޔަކީ ތާރީޚުގައި ވެސް ސާފްގެ މެޗެއްގައި ނޭޕާލްއަތުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ދެވަނަ މެޗުން ބަންގާޅު ކޮޅަށް ދެ ގޯލް ޖަހާ، ރާއްޖެ ވަނީ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފައެވެ.
ލަންކާއިން މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާ އަށް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައި މުބާރާތުން ޕޮއިންޓެއް ހޯދައިފައި ވެއެވެ. ބަނގްލަދޭޝްއަތުން ލަންކާ ބަލިވީ ޕެނަލްޓީއަކުންނެވެ. ނޭޕާލް އަތުން ލަންކާ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ތާވަލަށް ބަލާއިރު، ހަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައި އޮތީ ނޭޕާލެވެ. އަދި ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ ބަންގާޅެވެ. ތިންވަނައިގައި ރާއްޖެ އޮތްއިރު، އިންޑިއާ އޮތީ ހަތަރުވަނައިގައެވެ. ފުލުގައި އޮތީ މުބާރާތުން ކަޓައިފައިވާ ލަންކާއެވެ.