ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ވަރަށް އަވަަހަށް ފެށޭނެ: އިމްރާން

މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުތަކަށް ހުކުމް ކޮށްފައި ތިބި ޒުވާނުން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމް ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލަށް ލައިފައި ތިބި ޒުވާނުން އަލުން މުޖުތަމައުއަށް ނެރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިމްރާނާ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޖަލުތަކުގައި ތިބި ގައިދީން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައުއަށް ނެރުމަށް މީގެ ކުރިން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. 2013ވަނަ އަހަރު މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހު ކުރި ނަމަވެސް އެ ގާނޫނުގެ ދަށުން އެގާނޫނުގެ ދަށުން ރިހެބިލިޓޭޓް ކުރާނެ އެއްވެސް ނިޒާމެއް ގާއިމްކޮށްފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
"އެކަމަށް (ޑްރަގް ރިހެބިލިޓޭޝަނަށް) ހާއްސަކޮށް ވަކި ޔުނިޓެއް އަޅުގަނޑުމެން ގާއިމްކުރިން. ޖަލުގެ ގައިދީން ތިބޭ ޔުނިޓުތަކުގެ ތެރެއިން މަސްތުވާތަކެތި އެއްވެސް ވަރަކަށް ނުވަންނާނެ ޔުނިޓުތައްކަމަށް ގަބޫލުކުރާ ނުވަތަ އެކަން ކަށަވަރު ކުރެވޭ ފެންވަރަށް ވަކި ޔުނިޓެއްގެ ސެކިއުރިޓީ ނިޒާމު ހަމަޖައްސަން އަޅުގަނޑުމެން މަސައްކަތް ފެށިން" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޖަލުތަކުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދީ ރިހެބިލިޓޭޓް ކުރަން ބޭނުންވާ ލައިސަންސް ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. ނިމިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން އެކަމަށް ބޭނުންވާ އެޕްރޫވަލް ލިބިފައިވާކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަނަށް ހާއްސަ ކޮމާންޑެއް މިހާރު އުފައްދައިފައިވާ ކަމަށެވެ. އަދި އޮނިގަނޑަށް ބަދަލު ގެނަސް ކޮމާންޑު ބަލަހައްޓާނެ ވަކި މަގާމެއް އުފައްދައި އެކަމަށް ގާބިލު ބޭފުޅަކު މަގާމަށް ހަމަޖައްސައިފައިވާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގުރާމް ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރުމަސް ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ގައިދީން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ.