ޚަބަރު

"ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ އެކު ބަރުލަމާނީ ކެންޕެއިން އިތުރަށް ވަރުގަދަ ވެގެންދާނެ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ޞާލިޙްވަނީ އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި.. ފޮޓޯ/ރައީސް އޮފީސް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއެކު ބަރުލަމާނީ ނިޒާމަށް ކުރަމުންދާ ކެންޕެއިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ބާރުއެޅުމަށް ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ބަރުލަމާނީ ޕެޓިޝަނަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުން ބޭނުންވާކަން ހާމަކޮށްދިނުމަށް ޓަކައި ލައްކައަކަށް ވުރެ ގިނަ ސޮޔާ އެކު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފައިވާ ޕެޓިޝަނެކެވެ.

ފަސް މަސް ފަހުން ރައީސް ނަޝީދު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގައި މަޑުކުރައްވާނީ ތިން ދުވަހުއެވެ. މެއި މަހު ދިން ހަމަލާއަށް ފަހު، ރައީސް ނަޝީދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ޓޮޕް ލެވެލްގެ ސެކިއުރިޓީ ވަނީ ދީފައެވެ.

މިއަދު "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަކީލް ނިޝާން ވިދާޅުވީ، ބަރުލަމާނީ ޕެޓިޝަން ހަރަކާތަށް ރައީސް ނަޝީދު މާލެ ވަޑައިގަތުމާ އެކު އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ޕެޓިޝަންގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ސޮއި ކުރައްވަން ތިއްބެވި އެތައް ފަރާތެއް ތިބިކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އެ ހަރަކާތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ޕޮޕުއުލަރ ފިގަރ. ރައީސް ނަޝީދަށް ތާއީދު ކުރާ އެތައް ހާސް ބައެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. ރައީސް ނަޝީދު ފާޅުގައި އެބަ ވިދާޅުވޭ، މިއީ އެމަނިކުފާނު ތާއީދު ކުރައްވާ ނިޒާމޭ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން އެ ބޭފުޅުންނަށް ހިތްވަރު ލިބޭނެ. އަދި މިހަރަކާތަށް ލިބޭ ސޮއި ވެސް އިތުރުވާނެ" ވަކީލް ނިޝާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރުގެ ތެރޭގައި ނެގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ހިމަނައިފައިވާ ކަމަށް، އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައެވެ.

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމެއް ކަނޑައަޅަން 2007ގައެވެ. އޭރު ނެގި ވޯޓުން، 62 އިންސައްތަ ލިބިގެން ރައްޔިތުންގެ ތާއީދު ލިބުނީ ރިޔާސީ ނިޒާމަށެވެ. އޭރުވެސް އެމްޑީޕީއިން ތާއީދުކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަކަށެވެ.

  1. ޢަވާމެނދުރު

    ޔާމީނަންވެސް ނަސީދުއާ އެތވަރައް ރައްކާތެރިކަންދެވެންވާނެ ޔާމީނު މަރަންއުޅުނުމީހުނށ މަރަށްގޮވާމީހުނަން އިޒަތާމަތީމަގާމު ނަސީދުަރާމަގެތްވެސް ސިކިރިއުތީ ގަދަފަދަ އެތްމެންވެސް ހަމަހަމަކޮންބަލަ