ފުޓްބޯޅަ

ޕެލޭއާ އެކު އަށްވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ސުނިލް ޗެތުރީ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލް ކޮޅަށް ޖެހި ގޯލާއެކު އިންޑިއާގެ ޤައުމީ ޓީމްގެ ކެޕްޓަން ސްނިލް ޗެތްރީ އިންޓަރނޭޝަނަލް މެޗުތަކުގައި އަށްވަނައަށް އެންމެ ގިނަ ގޯލް ޖެހި މީހާގެ ޝަރަފު ހޯދައިފިއެވެ.

Ads by STELCO

މިއަހަރުގެ މުބާރާތުގައި ސުނިލް ޗެތުރީ ވަނީ ޖުމްލަ ދެ ގޯލް ޖަހައިފައެވެ. އެއީ ރޭ ނޭޕާލް ކޮޅަށް ޖެހި ގޯލުގެ އިތުރުން، ބަންގާޅާ ދެކޮޅަށް ކުޅުނު މެޗްގައި ޖެހި ގޯލެވެ. މެޗު ނިމެން ދަނިކޮށް 87 ވަނަ މިނެޓްގައި ސުނިލް ޗެތުރީ ޖެހި ގޯލަކީ އިންޑިއާގެ ޤައުމީ ޓީމަށް އޭނާ ޖަހައިދިން 77 ވަނަ ގޯލެވެ. އުމުރުން 37 އަހަރުގެ ސުނިލް ޗެތްރީ މިހާތަނަށް އިންޑިއާއަށް 123 މެޗު ކުޅެދީފައިވާއިރު، އޭނާ މިވަގުތު އޮތީ ބްރެޒިލްގެ ޕެލޭއާއި އެކުވެރި އަރަބި އިމާރާތުގެ އަލީ މަބްހޫތާއެކު އެންމެ ގިނަ ގޯލް ޖެހި މީހުންގެ ލިސްޓްގެ އަށް ވަނައިގައެވެ.

ބްރެޒިލްގެ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ތިން ފަހަރު ހޯދި ޕެލޭއަކީ، ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޝަހުސިއްޔަތެކެވެ. ވޯލްޑް ކަޕް ތިން ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔަކީ މިހާރު އުމުރުން 80 އަހަރުގެ ޕެލޭއެވެ.

ހަތް ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލައިލައިފައިވާ އިންޑިއާއިން، މި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް ސުނިލް ޗެތުރީގެ ގޯލާއެކު އިންޑިއާއަށް ވެސް ވަނީ ފައިނަލަށް ދަތުރުު ކުރުމުގެ އުންމީދު އައުވެފައެވެ. ބުދަ ދުވަހު ރާއްޖެ ދެކޮޅަށް އިންޑިއާއިން ނިކުންނައިރު، ފައިނަލަށް ދަތުރު ކުރާނީ މެޗުން މޮޅުވެ، ތިން ޕޮއިންޓް ލިބިގެންނެވެ. ރާއްޖެއިން އިންޑިއާގެ މެޗުން އެއް ޕޮއިންޓް ހޯދައިގެން ވެސް ފައިނަލަށް ދަތުރު ކުރެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!