ވާހަކަ މަދުކުރައްވާ، އެއާޕޯޓުގައި ނިމިފައި ހުރި ތަންތަން އޮޕަރޭޝަނަށް ގެންނަވާ: ސައީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދީފައި ވަނިކޮށް، އެއާޕޯޓު އަނބުރާ އަތުލުމަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުމަށް މިހާތަނަށް އެޅި އެންމެ ބޮޑު ހުރަސްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން ކުރީގެ އިކޮނޮމިކް މިނިސްތަރު މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނުން ދުއިސައްތަ ހަތްދިހަ މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއަށް ފައިނޭންސް ކުރަން ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓު ތަރައްގީކުރަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމުން ދައުލަތުގެ ދަރަނި އިތުރުވިކަމަށް އަމީރު ވިދާޅުވިއެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން މާވަށު ދާއިރާގެ މެމްބަރުކަން ވެސް މިހާރު ކުރައްވާ ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ހަގީގަތުގައި ރާއްޖޭގެ އިގްތިސޯދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަމީރު ފަދަ ބޭފުޅުންގެ ވިސްނުންކަމަށް ސައީދު ވިދާޅުވިއެވެ. ޖީއެމްއާރު ބޭރުކުރުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި ވާހަކަ މަދުކުރައްވައި އެއާޕޯޓުގައި ނިމިފައިވާ ތަންތަން އޮޕަރޭޝަނަށް ގެނެސްދޭން ސައީދު ވަނީ އެދިލައްވައިފައެވެ.
އަމީރު އިއްޔެ ވިދާޅުވީ އެއާޕޯޓު ތަރައްގީއަށް ލޯނު ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ނުލިބުނު ކަމަށެވެ. ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދާއިރު ވެސް ނުނިމި އޮތްކަމަށް މިނިސްތަރު ވިދާޅުވިއެވެ. ޖީއެމްއާރުން އެއާޕޯޓު ތަރައްގީކުރަން ދޫކޮށްލި ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 ފަތުރުވެރިން ގެނެވުނީސްކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ. މިއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތު ކަމަށާއި އެއާޕޯޓު އަތުނުލައި އޮތް ނަމަ 2020 ވަނަ އަހަރާއި ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގްތިސޯދުގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިގްތިސޯދަކާ އެކު ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއާޕޯޓުގައި އަލަށް ތަރައްގީކުރި ރަންވޭއާއި ސީޕްލޭން ޓާމިނަލްގެ މަސައްކަތް މުޅިން ނިންމައިލައިފައި އޮތް ނަމަވެސް އަދިވެސް އެތަންތަން އޮޕަރޭޝަނަކަށް ނުގެނެއެވެ. މިސަރުކާރުން ބުނަނީ އެ ތަންތަން އޮޕަރޭޝަނަށް ގެނެވޭނީ ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.