ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ލީވާނަށް ދެވުނީ މަންމަ ކުރި ދުޢާގެ ސަބަބުން
މިދުވަސްވަރަކީ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. ވައި ގަދަވުމުގެ ސަބަބުން، ކަނޑު ވެސް އެހާމެ ގަދައެވެ. އެހެންކަމުން މޫސުމާބެހޭ އިދާރާއާއި ސަލާމަތީ ބާރުތަކުން ވެސް ތަކުރާރުކޮށް އިލްތިމާސް ކުރަމުން ދަނީ މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުމަތީގެ ދަތުރެއް ވެސް ނުކުރުމަށެވެ.
ކަނޑުމަތީގެ ހާދިސާއެއްގައި މީގެ ދެ ދުވަސް ކުރިން އަންހެނަކު ނިޔާވެ، އޭނާގެ ހަތަރު އަހަރުގެ ކުޑަ ދަރިފުޅު ވެސް ގެއްލިފައިވާ ހިތާމަވެރި ހާދިސާއިން ރައްޔިތުން އަރައި ނުގަނެވިގެން އުޅެނިކޮށް، މިއަދު އަނެއްކާ ވެސް އިވުނީ ކަނޑަށް މީހަކު ގެއްލިގެން އުޅޭ ޚަބަރެވެ. ކާށިދޫ ކަނޑަށް އުމުރުން 22 އަހަރުގެ އިބްރާހީމް ލީވާން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު އިވުމާ އެކު، އެކަމާ ހާސް ނުވާ ދިވެހި ދަރިއަކު ނެތެވެ.
ކަނޑުގެ ބިޔަ ރާޅުތަކުގެ ޝިކާރައަކަށް ވުމާއި ސަލާމަތް ވުމަށް ކުރި ހިތްވަރު
އެނގިފައިވާ ގޮތުގައި ލީވާނަކީ އޭނާގެ އާއިލާ މީހަކު ދުއްވާ ސަޕްލައި ދޯންޏެއްގެ ފަޅުވެރިއެކެވެ. މޫސުމަށް ސަމާލުކަން ދޭން ޖެހުނަސް މިއަދު އެ ދޯނި ދަތުރު ކުރަން ޖެހުނީ ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ބައެއް ތަކެތި ގެންދަން ޖެހިގެންނެވެ.
އެހެން މީޑިއާއަކަށް މައުލޫމާތު ދެމުން ލީވާން ބުނީ، އޭނާ އެ ދޯނީގެ ފަހަތަށް ދިޔައީ ފާޚާނާ ކުރަން ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔަ ކަމެއް ދޯނީގެ އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ވެސް ބުންޏެވެ.
ފާޚާނާ ކުރަން ގޮސް ހުއްޓާ ލީވާން ކަނޑަށް ވެއްޓުނީ ޖެހި ބޮޑު ރާޅަކާ އެކުގައެވެ. ކަނޑުގެ ލޮނުގަނޑުގެ އަޑިއަށް އޭނާ ދިޔަ ނަމަވެސް، އިރުކޮޅެއް ނުވެ މައްޗަށް އެރިއެވެ. ނަމަވެސް ދޯނީގެ އިންޖީނުގެ އަޑާ ހެދި، އެހީއަށް އެދި ގޮވި އަޑުތަައް ދިޔައީ ހަމަހިމޭން ވެގެންނެވެ.
ލީވާނަށް ހިކި ފަސްތަނަކަށް ، އޭނާގެ އުފަން ރަށް ކާށިދޫ އެވަގުތު ފެނުންވީ ލެއްވި ރަޙްމަތަކަށެވެ. އެހެންކަމުން ދެން އޭނާ މިސްރާބު ޖެހީ ކަނޑުގެ ބިޔަ ރާޅުތަކާ ހަނގުރާމަ ކުރުމަށް ފަހު ވެސް ސަލާމަތުން ރަށަށް ދިޔުމަށެވެ. މާތް ﷲގެ އިރާދަފުޅާއެކު އެކަން ކާމިޔާބު ވެސް ވިއެވެ. ބިޔަ ރާޅުތަކާ ހަނގުރާމަ ކުރަމުން، އަޑިއަށް ދަމުން ލޮނު ބޮވެމުން ދިޔަ ނަމަވެސް ހިތްވަރާއެކު ފަތައިފައި، އޭނާ ކާށިދުއަށް ދިޔައެވެ.
މަންމަގެ ދުޢާގެ ބާރުގަދަކަމާއި އާއިލާއަށް ވެސް ލިބުނު އުފާވެރި ހައިރާންކަން
ކާށިދޫ ކަނޑަށް ޒުވާނަކު ވެއްޓުނު ޚަބަރު ލިބުމާ އެކު، އެއީ ލީވާންކަން އާގިސާ ޢަބްދުﷲ (ލީވާންގެ މަންމަ) އަށް އެނގުނެވެ. ދެ ލޮލުގެ ކޮއެ ފަދަ ދަރިފުޅު މިފަދަ މޫސުން ގޯސް ދުވަސްކޮޅެއްގައި ކަނޑަށް ވެއްޓިގެން އުޅޭކަން ޔަގީންވުމާ އެކު، އާގިސާގެ ދެ ލޯ ކަރުނުން ފުރުނެވެ. ބިރުން ހާސްވެ، ފިކުރު ބޮޑުވިއެވެ.
ނަމަވެސް އެފަދަ ހިތްދަތި ވަގުތުގައި ވެސް އާގިސާ ހިތްވަރާ އެކު ވަގުތު ހޭދަކުރީ އޭނާގެ ދަރިފުޅު ސަލާމަތުން އަނބުރާ ދެއްވައިތޯ މާތް ﷲ ޙަޟްރަތުގައި ދެންނެވުނުގައެވެ. އެންމެ ސިކުންތެއް ވެސް މަޑު ނުކޮށް އެ މަންމަ އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރަން ފެށިއެވެ.
މާ ލަސްތަކެއް ވެސް ނުވެއެވެ. ލީވާން ސަލާމަތުން ކާށިދުއަށް ގޮސްފިކަމުގެ އުފާވެރި ޚަބަރު އާގިސާއަށް ލިބުނެވެ.
މި ހާދިސާއާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން ލީވާންގެ ބޮޑުބޭބެ ވަލީދު ޢަބްދުﷲ ބުނީ، ލީވާން ސަލާމަތުން އައުން ވެގެން ދިޔައީ މުޅި އެ އާއިލާއަށް ވެސް ލިބުނު އުފާވެެރި އަދި އެހާމެ ހައިރާންކަން ލިބުނު ޚަބަރެއް ކަމަށެވެ.
"އަޅުގަނޑު އެ ގަޑީގައި ދިޔައީ ސީ އެމްބިއުލޭންސްގައި އޭނަ (ލީވާން) ހޯދަން . ގޮސް ހުއްޓާ ރަށުގައި ހުރި މީހަކު ގުޅާފައި ބުނީ މިވަގުތު ލީއްކޮ އެބަ ހުއްޓޭ ތިމަންނަ ކައިރީގައި. ދެން އަޅުގަނޑު ވެސް ރަށަށް އައިސް ލީއްކޮ ކައިރީ މައުލޫމާތު އަހައިލީމަ ބުނި ތޮށި މަތިން އަމިއްލައަކަށް އަރައިގެން، އަޅުގަނޑުމެންގެ އެއްގަމު ކުއްޖެއް އުޅޭ ގެއަކަށޭ ދިޔައީ" ވަލީދު ބުންޏެވެ.
ވަލީދު ލީވާންގެ ގޮވައިގެން ފުލުހަށް ބަޔާން ދޭން ފުލުސް އޮފީހަށް ވެސް ދިޔައެވެ. އަދި ސިއްޙީ މަރުކަޒަށް ވެސް ދިޔަ ކަމަށް ބުންޏެވެ. ލީވާންގެ ފައިން ދެ ތަނެއް ހަލާކުވެފައިވީ ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ވަލީދު ބުންޏެވެ.