އެމެރިކާގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އެލެއިނާ ޓެޕްލިޓްޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވައިފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ހެޔޮވެރިކަން ކުރިއަށްގެން ދިއުމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮތުން ކުރިއަށް ދިއުމަށާއި އަދި ކައުންޓަރ ޓެރެރިޒަމް ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށް ޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރަށް ތަޢުރީފުކުރައްވައިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި އެލެއިނާ ޓެޕްލިޓްޒް، ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައިފައެވެ. އަދި ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހިންގޭކަންކަމަށް ޚަރަދުކުރުމަށް ގޮވައިލާ ރާއްޖެއިން ކުރާ މަސައްކަތް އެކަމަނާ ފާހަގަ ކުރެއްވެވިއެވެ. ހަމަ އެއާއެކު، އެކަމަނާ ވަނީ ރާއްޖެއާ އެކު ޚިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުންފުޅު ވާކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާއެއް ކުރިމަތިވާހިނދު އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާއިން މަސައްކަތްކުރަން ބޭނުންފުޅުވާކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ދާއިރާތަކުން ގުޅުން ޤާއިމްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާ އެކު ގުޅުން ޤާއިމުކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.