"ޑްރަގްގެ ސުވަރުގެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރޭ"
ރާއްޖެ މެދުވެރިކޮށް އެހެން ޤައުމުތަކަށް މަސްތުވާތަކެތި ވިއްކައި ރާއްޖެއަކީ ޑްރަގް ހެވަންއެއްގެ ގޮތުގައި ހެދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވަނީ އިދިކޮޅުން މިދިޔަ ހުކުރު ދުވަހު "ޤައުމިއްޔަތުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ހިނގާލުން ކުރިޔަށް ގެންދިޔައީ ޑްރަގްއާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
"އިއްޔެ ނޫން އިހަށް ދުވަހު ކުރި މުޒާހަރާއަކީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ދިވެހި ރާއްޖޭގައި ފުރުސަތު ހޯދުމަށް ޓަކައި މި ސަރުކާރާ ދެކޮޅަށް، އަދި ޚާއްސަކޮށް މި ސަރަހައްދުގެ ސަވައިލެންސް ބަލާނެ އުޅަނދުތައް ބޭނުން ކުރާނެކަން ކަށަވަރުވީމަ، އެކަން ހުއްޓުވަން ވެގެން ކުރި ކަމަށް" ބޮންޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ"ދިވެހި ރާއްޖޭގެ ކޯސްޓް ގާޑް އޮތީ މަރާމާތު ނުކުރެވޭ ހާލަތަށް ގޮސް، މުޅިން ހަލާކުވެ ސުންނާފަތިވެފައި. ފާއިތުވި ވެރިކަން ކުރީ ރާޑަރުތައް އޮފް ކޮށްލައިގެން" ކަމަށާއި ދިވެހި ރާއްޖޭގެ ކަނޑުގެ ރައްކާތެރިކަން ހޯދަން ބޭނުން ނަމަ ދިވެހި ރާއްޖެއިން ބައިނަލް އަޤްވާމީ ލަޝްކަރުތަކާއި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
“ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ބޮޑެތި ފޮށިގަނޑު ވައްޓައިލައިފައި އެ ބުނަނީ އެ ނަގާށޭ، މިވެނި ވަރަކަށް މިލިޔަން ޑޮލަރު ދޭނަމޭ. އުތުރު ތިލަފަޅަކީ، ބޯޓް މަރާމާތު ކުރާތަނެއް. ދިވެހި ރާއްޖޭގެ ކަނޑުގެ ރައްކާތެރިކަން ހޯދަން ބޭނުން ކަމަށް ވަންޏާ ދިވެހި ރާއްޖެއިން ބައިނަލް އަޤްވާމީ ލަޝްކަރުތަކާ އެކުގައި މަސައްކަތް ކުރަން ޖެހޭ." ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް އިދިކޮޅުން މުޒާހަރާ ކުރި އިރު ފެނިގެންދި ޔައީ އޭގެ ނާޖާއިޒް ފައިދާ ނަގައި ރައީސް ޔާމީން ފިޔަވައި އިތުރު ކެނޑިޑޭޓެއް ޕީޕީއެމުން ނެރެން މަސައްކަތްކުރި ތަން ކަމަށެވެ.
“ސޯމާލިއާ ކަނޑު ފޭރޭ މީހުންނާ، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ޖަމާއަތްތަކާ މި ހުރިހާ ފަރާތްތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ކަނޑުގެ ތެރޭގައި އެ ހިނގާ ކަންތައްތަކަށް އެހީވުމަށް ރާއްޖޭގެ ސިޔާސަތު މިހާރު ބައްޓަންވެފަ އެވާ ގޮތާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީން މުޒާހަރާ ކުރި އިރު ފެނިގެންދިޔައީ އޭގެ ނާޖާއިޒް ފައިދާ ނަގައި ރައީސް ޔާމީން ފިޔަވައި އިތުރު ކެނޑިޑޭޓެއް ޕީޕީއެމުން ނެރެން މަސައްކަތްކުރި ތަން” ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ސިޔާސީ ޕާޓިތަކުން މަސައްކަތް ކުރަން ޖެހޭނީ ގައުމަށް އަދި ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި މިހާރު ފެންނަމުން ދަނީ ރާއްޖެއާ އަވައްޓެރި ގައުމުތަކުގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ކަންތައްތައް ކުރާތަން ކަމަށެވެ.