ޚަބަރު އިޖުތިމާޢީ

ޔޫއެސް ކޯސްޓް ގާޑު އެކެޑެމީގެ ސްކޮލަޝިޕް ފުރުސަތެއް އެމްއެންޑީއެފުން އާއްމުކޮށް ހުޅުވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ސަން

ޔޫއެސް ކޯސްޓްގާޑު އެކެޑެމީގައި 2022 ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގައި ބައިވެރިވުމުގެ ސްކޮލަރޝިޕް ފުރުޞަތެއް އެމްއެންޑީއެފުން އާންމުކޮށް ހުޅުވައިލައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ ޖުމްލަ 6 ޖާގައަށް ހުޅުވައިލައިފައިވާ މި ސްކޮލަރޝިޕަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއްކަމަށެވެ.

4 އަހަރު ދުވަހުގެ މި ކޯހުގައި ކުރިއަށް ދެވިދާނެ ތަފާތު ދާއިރާތައް ޚިޔާރުކުރެވޭ ކަމަށާއި އޭގެ ތެރޭގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، މެރިން އެންޑް އެންވަޔަރަމެންޓަލް ސައިންސް، ސްޓްރެޓީޖިކް އިންޓެލިޖެންސް ސްޓަޑީޒް، މެނޭޖްމަންޓް، ނޭވަލް އާކިޓެކްޗަރ، އަދި ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީސް ފަދަ ދާއިރާތައް ހިމެނޭކަމަށެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، 2022ވަނަ އަހަރު ޖޫން 28ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ފަރާތަކަށް ވުމާއި، ޒަވާޖީ ޙަޔާތެއް ފަށައިފައި ނުވާ ފަރާތަކަށް ވާންޖެހެއެވެ. އަދި، އޭލެވެލް ހަދައިފައިވާ ނުވަތަ އޭލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށް ވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. އޭގެ އިތުރުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތަކަށް ވާންޖެހެއެވެ. އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ހަދައިފައިވާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، ޓެސްޓް އޮފް އިނގްލިޝް އޭޒް އަ ފޮރިން ލޭންޖުއޭޖް (TOEFL) ހަދައިފައިވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. މި ދެ ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށް ފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ.

މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ މޯބައިލް ނަމްބަރު 9871235އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!