އަނެއްކާ ވެސް ޓެކްސީ ޑްރައިވަރަކަށް ބިރު ދެއްކުމަށް ފަހު ފޭރިގަނެއްޖެ

އަނެއްކާ ވެސް ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދެއްކުމަށް ފަހު ފޭރިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލެއިން މާލެއަށް ޓެކްސީއެއްގައި އައި 2 މީހަކު ޣިޔާސުއްދީން ސްކޫލު ކައިރިން ޓެކްސީ ޑްރައިވަރަށް ވަޅިން ބިރު ދައްކައި ޑްރައިވަރުގެ ފޯނު ފޭރިގަނެފައި ވަނީ ރޭ ދަންވަރުއެވެ. އެހެން ނަމަވެސް ޑްރައިވަރުގެ ފޯނު ހޯދައި ޑްރައިވަރަށް ބިރުދެއްކި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަހަކަށް އައިސް ޓެކްސީ ޑްރައިވަރުންނަށް ބިރު ދެއްކުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މިމަހުގެ 23 ވަނަ ދުވަހު ވެސް ވަނީ ޓެކްސީ ޑްރައިވަރަކަށް ބިރު ދައްކައި ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށައަޅައިފައެވެ. މިހާދިސާގައި ޑްރައިވަރު އަތުން ވަނީ 700 ރުފިޔާ ފޭރިގަނެފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު، ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ޙަސަން ވަނީ މަރައިލައިފައެވެ.
ގާސިމްގެ މަރުގެ މައްސަލައިގައި ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ވަނީ ހައްޔަރުކޮށް އޭނާގެ މައްޗައް ދައުވާ ވަނީ އުފުލައިފައެވެ. މިމައްސަލައިގެ ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފްވެ މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވައިލާން ވެސް އެއްބަސްވެފައެވެ. ނަމަވެސް ފަހުން އޭނާ އެ ކުށަށް އިންކާރު ކުރިއެވެ.