ރޮނާލްޑޯއަށް އަނެއްކާ ވެސް އެއްމާބަނޑު ދެ ކުދިން ލިބެނީ

މުޅި ދުނިޔެއަށް މަޝްހޫރު ޕޯޗުގަލްގެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނެއްކާ ވެސް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަން އޭނާ އިއުލާނު ކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްއަށް މިހާރު ކުޅޭ ރޮނާލްޑޯ އެއްމާބަނޑު ދެ ކުދިންގެ ބައްޕައަކަށް އަނެއްކާ ވެސް ވާން އުޅޭކަން އިއުލާނު ކުރީ މިއަދު، އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ރޮނާލްޑޯގެ މިހާރު ވެސް ހަތަރު ކުދިން އެބަތިއްބެވެ. އޭނާއަށް ފުރަތަމަ ދަރިއަކު ލިބިފައި ވަނީ 2010ވަނަ އަހަރުގައެވެ. ސަރޮގެސީ މެދުވެރިކޮށް އެ ދަރި ހޯދުމަށް ފަހު އޭގެ ހަތް އަހަރު ފަހުން އަނެއްކާ ވެސް ސަރޮގެސީ މެދުވެރިކޮށް ރޮނާލްޑޯއަށް ވަނީ އެއް މާބަނޑު ދެ ކުދިން ލިބިފައެވެ. އަދި 2017 ވަނަ އަހަރު އޭނާގެ ބައިވެރިޔާއާއި އޭނާއަށް ވަނީ އިތުރު ކުއްޖަކު ވެސް ލިބިފައެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައި ވަނީ އޭނާ ހަތް ދަރިން ބޭނުންވާ ކަމަށެވެ.
ރޮނާލްޑޯއަކީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާކަމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މި ސީޒަންގައި މެންޗެސްޓާއަށް ދިޔައީ، އޭގެ ކުރިން ޔުވެންޓަސްގައި ދެ ސީޒަން ހޭދަކުރުމަށް ފަހުގައެވެ.