ވީއައިއޭގައި އީ-ޗެކިން ތައާރަފްކޮށް، ޗެކިން ކައުންޓަރުތަކުގެ އަދަދު އިތުރު ކުރަނީ
އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އީ ޗެކިން ތައާރަފްކޮށް ޗެކިން ކައުންޓަރުތަކުގެ އަދަދު އިތުރު ކުރަން ނިންމައިފައިވާ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ އައުމާ ގުޅިގެން އިއްޔެ ބޭއްވި ހަފުލާފައި ވާހަކަފުޅު ދައްކަވަމުން ގޯޑަން ވަނީ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި އޮތް މި ދަނޑިވަޅުގައި ވެސް ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ކުރިން އެއާޕޯޓްގެ ޑިމާންޑް ބޮޑުވެ މަތި ވެފައިވާ ކަމަށެވެ.
ރާއްޖެއަށް މިއަހަރު 1 މިލިއަންވަނައަށް އައިސްފައިވާ ފަތުރުވެރިޔާ ވިންސެންޓް ވިކްޓާ ކޮރެންޓިން ޕިތައުއާއި އޭނާގެ އަނބިމީހާއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށް އެމީހުންގެ އެރައިވަލް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ރާއްޖެއަށް އެއްމިލިއަންވަނަ ފަތުރުވެރިޔާ އައިސްފައި މިވަނީ ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް މި ހިނގާ އޮކްޓޯބަރު މަސް ނިމޭއިރު ވާސިލް ވެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވިތާ ހަފްތާއެއް ފަހުންނެވެ.
މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ނިމުނުގެ ކުރިން ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ގެނައުމުގެ އުއްމީދު ވެސް އައު ވެފައިވާ ކަމަށެވެ.