ޚަބަރު ރައްޔިތުންގެ މަޖިލިސް

އިގްތިޞާދު ރަނގަޅުވީ ކޮވިޑުގެ ހާލަތުގައި ވެސް ރައްޔިތުންގެ ހުރި ވިލުންވެރިކަމުން: އަމީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓަރު މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަަކަ ދައްކަވަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިޞާދު އަޑިއަޅައިލުމަށް ފަހު އަލުން އިއާދަވާން ފަށައިފައި މިވަނީ އެ ބަލިމަޑުކަމުގެ ހާލަތާއި އެކުވެސް ރައްޔިތުންގެ ހުރި ވިލުންވެރިކަމުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަމީރު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ގޮތުން ދިން ބަޔާނުގައެވެ. އެގޮތުން އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތާ އެކު ރާއްޖެއަށް ލިބުނު ބޮޑު ގެއްލުމާ އެކު އެދުވަހު ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ސުވާލަކީ ރާއްޖޭގެ އިގްތިޞާދު އަލުން އަނބުރާ އިއާދަކޮށް އާރާސްތުކުރުމަށް ކަން ކުރާނީ ކޮން މަގަކުންތޯ އުފެދޭ ސުވާލު ކަމަށެވެ. އެގޮތުން ދެ ގޮތެއް އޭރު އޮތް ކަމަށާއި ފުރަތަމަ ގޮތަކީ ސަރުކާރުން ކުރާ ހަރަދުތައް ބޮޑު ތަނުން ކެނޑުން ކަމަށާއި މީގެ ސަބަބުން އިގްތިޞާދުގެ ސައިޒު ކުޑަވާން ދޫކޮށްލެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާތައް ގެއްލި ކުރިމަތިވެދާނެ އިޖުތިމާއީ އެތައް މައްސަލައަކަށް އާނއެކޭ ބުނެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ސަރުކާރުން ހިޔާރު ކުރީ ދެވަނަ ގޮތް ކަމަށެވެ.

"އަނެއް ގޮތަކީ ދަރަނި ނަގައިގެން ނަމަވެސް އިގްތިޞާދު ހިފަހައްޓާ، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން. އެތައް ފާޑުކިޔުންތައް ކުރިމަތިވި ކަމުގައިވިޔަސް މި ސުވާލުގެ ޖަވާބު އަޅުގަނޑުމެންނަށް އަބަދުވެސް ވަރަށް ސާފު." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ދަރަނި އިތުރުވިކަމުގައި ވިޔަސް ދިވެހި އިގްތިޞާދަށް ދިމާވި ތަދުމަޑުކަމުގެ އަސަރު ދިވެހި ރައްޔިތުންނަށް ވީހާ ވެސް ކުޑަކުރަށް ސަރުކާރުން ބޭނުންވި ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އިގްތިޞާދީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށް އޭރު މަސައްކަތް ކުރިކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ދެން ފާހަގަކުރެއްވީ ސަރުކާރުން ކޮވިޑުގެ ހާލަތާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކެވެ. އެކަންކަމުގެ ތެރޭގައި؛

  • ކަަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދިނުން
  • ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް އިންކަމް ސަޕޯޓު އެލެވެންސް ދިނުން
  • ބޭންކުތައް މެދުވެރިކޮށް ނަގައިފައިވާ ލޯނުތައް ފަސްކޮށްދިނުން
  • ދިވެހިން ވަޒީފާތަކުގައި ބޭތިއްބުމަށް ޝަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުން
  • ފަތުރުވެރިން ނެތް ރިޒޯޓުތަކުގެ ކުލި ފަސްކޮށްދިނުން
  • ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން

އަމީރު ވިދާޅުވި ގޮތުގައި މި ހުރިހާ ކަންކަމެއް ސަރުކާރުން ކުރީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އެލެވެންސަށް އެއްވެސް ބަދަލެއް ނުގެނަސްކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ 2020ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވަން ނިންމުމަކީ ރާއްޖޭގެ އިގްތިޞާދު އަލުން އާރާސްތުވެ އާރޯވުމަށް އެޅި އެންމެ މުހިންމު ފިޔަވަޅުކަމަށެވެ.

"މިއަދު އަޅުގަނޑު މިތާ ހުއްޓި މިހުރެ، އެދުވަހު ނިންމި ނިންމުތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފައި. މިއަހަރަށް އަޅުގަނޑުމެން ކަނޑައެޅި ޓާގެޓު ކަމަށްވާ އެއް މިލިއަން ފަތުރުވެރިން ރާއްޖެ އައިސް އެކަން މީގެ ދެދުވަސް ކުރިން ފާހަގަކުރިން" ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއަރަމުން އަންނަކަމަށް އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަން ރަނގަޅުވަމުން އައުމާ އެކު ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން، ފިޗް ގްރޭޑިންއިން އަޕްޑޭޓުކޮށް އައުޓްލުކް ސްޓޭބަލްކަމަށް ކަނޑައެޅިކަމަށް އަމީރު ވިދާޅުވިއެވެ. މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ 5 އިގްތިޞާދުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިގްތިޞާދު މިހާ އަވަހަށް ބައުންސް ބެކްވުމުގެ ސިއްރަކީ ކޮވިޑް-19ގެ ސަބަބުން ރައްޔިތުން ކުރިމަތިލާންޖެހުނު ދަތިތަކާއި ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންގެ ވިލުންވެރިކަން" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވިލުންވެރިކަމާ އެކު ސަރުކާރުން ވެސް ކޮވިޑުގެ ހާލަތުގައި އެޅި މުހިންމު ފިޔަވަޅުތައް އިގްތިޞާދު އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. މިއަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ބަހުސްކުރަން މަޖިލީހުގައި ފަށާނީ ނޮވެމްބަރު 8 ވާ ހޯމަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!