ލަފާނުކުރާ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކަނޑައަޅާ ފައިސާއިން ހަރަދު ކުރުމުގައި އޮތް ހިރާސް (ރިސްކް) ބޮޑުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން މިހެން ބުނެފައި ވަނީ 2022ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅައިފައިވާ ބަޖެޓް ތަފްސީލްގައެވެ. ބަޖެޓުގައި ބުނެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އަމިއްލަ އެކި ފަރާތްތަކަށް ދައްކަން ޖެހުނު އަދަދު 1.9 ބިލިއަން ރުފިޔާއާ ގާތްކުރެއެވެ. މިނިސްޓްރީން ބުނީ މިކަމުގެ ސަބަބުން ދައުލަތުން ލަފާކޮށް ހުށަހަޅާ ބަޖެޓުން ހަރަދުތައް ހަމަޖައްސަން އުނދަގޫވެއެވެ. އަދި ބަދަލު ދިނުން ފަދަ ކަންކަމަށް ބަޖެޓު ކޮންޓިންޖަންސީއަށް ކަނޑައަޅާ އަދަދަށް ވުރެ އިތުރަށް ވެސް އަހަރުގެ ތެރޭގައި ބަޖެޓަށް ހަރަދު އިތުރުކުރަން ޖެހުނުކަމަށް ބުނެފައި ވެއެވެ.
ޕްލޭން ނުކުރާ ހަރަދުތައް އިތުރުވުމުގެ ސަބަބުތައް ބަޖެޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން؛
- ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް އެކަށީގެންވާ މިންވަރަކަށް ބަޖެޓު ނުކުރެވުން
- ބަޖެޓު ކަނޑައެޅުމަށް ފަހު އަހަރުގެ ތެރޭގައި ގާނޫނުތަކާއި ސިޔާސަތުތަކަށް ބަދަލު ގެނައުން
- ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ އިތުރުވުން
- ޕެންޑިންގ ބިލުތައް ހިނގަމުންދާ އަހަރު އަދާކުރުން
- ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުން
ބަޖެޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުރާލާ ޕްލޭންނުކޮށް އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ގެއްލުމުގެ ބަދަލު ދިނުމަށެވެ. 2019ވަނަ އަހަރަކީ އެގޮތުން ރެކޯޑު އަދަދަކަށް ބަދަލު ދޭންޖެހުނު އަހަރެއްކަން ފާހަގަކުރިއެވެ. އެ އަހަރު އެކަނި ވެސް 1.49 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހުނެވެ. އެ އަހަރު ބަޖެޓު ކުރީ 50.4 މިލިއަން ރުފިޔާއެވެ.
ޖެހިގެން އައި 2020 ވަނަ އަހަރު ބަދަލުގެ ގޮތުގައި ދޭން ޖެހުނީ 186.2 މިލިއަން ރުފިޔާއެވެ. އެ އަހަރަށް ބަޖެޓު ކުރީ 1.3.1 މިލިއަން ރުފިޔާއެވެ.
މިހިނގާ 2021 ވަނަ އަހަރު ބަޖެޓުގައި ކަނޑައެޅީ ބަދަލު ދިނުމަށް 100 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ފިނޭންސުން ބުނާ ގޮތުގައި އަހަރުގެ ނިޔަލަށް 2017.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށް އަންދާޒާ ކުރެވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބަދަލު ދޭން ޖެހޭ ގިނަ މައްސަލަތައް ދިމާ ވަނީ ސަރުކާރުގެ ޕްރޮޖެކްޓުތައް ރަނގަޅަށް ޕްލޭން ނުކުރެވުމުގެ ސަބަބުންނެވެ. އަދި މި ހިރާސް ކުޑަކުރެވޭނީ މަޝްރޫއުތަކާއި އެހެނިހެން ވެސް ހިދުމަތްތައް ދިނުމަށް ހަދާ ކޮންޓްރެކްޓުތަކާ ގުޅޭ މައްސަލަތައް އިސްލާހުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ގާނޫނުތައް ބަދަލުކުރުމާއި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން ހަރަދު އިތުރުވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުން ދައުލަތުގެ އައު އިދާރާތައް އުފައްދައި، ބައެއް އިދާރާތަކުގެ މެންޑޭޓު ފުޅާކޮށް، އިދާރާތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލުގެނެސް، އިތުރު މަގާމުތައް އުފައްދަން ޖެހެތީ ހަރަދު އިތުރުވާކަން މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކުރިއެވެ.
އެގޮތުން ބަލާއިރު، މިއަހަރުގެ ބަޖެޓު ފާސްކުރި ފަހުން ޖުމްލަ ހަތަރު ގާނޫނަކަށް އައި ބަދަލުގެ ސަބަބުން ޖުމްލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކުރަން ޖެހުނެވެ.