ޚަބަރު

އަލަށް އުފަންވާ ކުދިން އާސަންދަ ހިދުމަތް ހޯދާ ނަމަ އައިޑީކާޑު ބޭނުންވާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލުމުން، އަލަށް އުފަންވާ ކުދިންނަށް އާސަންދައިގެ ހިދުމަތް ދޭން އެކުދިންގެ މަންމަގެ އައިޑީ ކާޑު ބޭނުން ކުރަން ފެށި އުސޫލު ނިމުމަކަށް ގެނެސްފިއެވެ.

Ads by Hajj Corporation

އާސަންދައިގެ ސްކީމްގައި އޮންނަ ގޮތުން ނަމަ އަލަށް އުފަންވާ ކުދިންނަށް އުމުރުން 28 ދުވަސް ވަންދެން މަންމަގެ އައިޑީކާޑު ބޭނުން ކުރެވެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ އުސޫލަށް ވަނީ ބަދަލު ގެނެސް، 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑު ބޭނުން ކުރެވޭ ގޮތް ހަދައިފައެވެ.

ނަމަވެސް އާސަންދައިން މިއަދު ބުނީ މިއަދުން ފެށިގެން ދެން އަމަލުކުރާނީ ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލަށް ކަމަށެވެ. އެހެންކަމުން، ކުއްޖާއަށް 28 ދުވަސް ފުރުމަށް ފަހު ދެން އާސަންދައިން ހިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެންނެވެ.

ކޮވިޑާ ގުޅިގެން އާސަންދައިން ވަނީ އައިޑީކާޑު ނެތިއްޖެ ހާލަތެއްގައި، އެފަދަ އެހެން ލިޔެކިޔުމަކުން ވެސް އާސަންދައިގެ ހިދުމަތް ދީފައެވެ. އަދި ދިގު މުއްދަތަކަށް ބޭސްކާން ޖެހޭ މީހުންނަށް ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރު ބޭސް ނެގޭ ގޮތަށް ވެސް ހެދިއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ އުސޫލު ބާތިލްކޮށް، ޑޮކްޓަރާ ބޭސް ސިޓީއެއް ލިޔެދިނުމުން ދެވަނަ ފަހަރަށް ބޭސް ނެގޭ ގޮތަށް އާސަންދައިން ވަނީ އުސޫލު ބަދަލުކޮށްފައެވެ.

Ads by Allied Insurance
  1. ބަންގާޅިން

    ދެން ވިހަންވާނީ އައިޑީކާަޑާ އެއްކޮށް