ޚަބަރު ރައްޔިތުންގެ މަޖިލިސް

ބަޖެޓް ބަހުސް: ކޮންމެ މެމްބަރަކަށް 22 މިނެޓު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް ޖުމްލަ 22 މިނެޓު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

Ads by STELCO

ބަޖެޓް ބަހުސްގައި މެމްބަރުން ވާހަކަ ދައްކަން ދެވޭ ވަގުތުގެ ދިގުމިން ކަނޑައަޅަން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވީ މީގެ ކުރިން ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓު އަދި ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމަށް އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓު ދީފައިވާ ކަމަށެވެ. އެހެންކަމުން މި ފަހަރު ވެސް އެގޮތަށް ކަންކުރުމަށް ހުށަހެޅުއްވިއެވެ.

ބަޖެޓްގެ ބަހުސަށް ކޮންމެ މެމްބަރަކަށް ޖުމްލަ 22 މިނެޓް ދިނުމަށް ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގުންނެވެ.

މީގެ އިތުރުން ބަޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ބަޖެޓާ ބެހޭ ގޮތުން ޖަވާބުދާރީވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓު އެރުވުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ތަފްސީލްގައި ބުނެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އަމިއްލަ އެކި ފަރާތްތަކަށް ދައްކަން ޖެހުނު އަދަދު 1.9 ބިލިއަން ރުފިޔާއާ ގާތް ކުރެއެވެ. މިނިސްޓްރީން ބުނީ މިކަމުގެ ސަބަބުން ދައުލަތުން ލަފާކޮށް ހުށަހަޅާ ބަޖެޓުން ހަރަދުތައް ހަމަޖައްސަން އުނދަގޫވެއެވެ. އަދި ބަދަލު ދިނުން ފަދަ ކަންކަމަށް ބަޖެޓު ކޮންޓިންޖަންސީއަށް ކަނޑައަޅާ އަދަދަށް ވުރެ އިތުރަށް ވެސް އަހަރުގެ ތެރޭގައި ބަޖެޓަށް ހަރަދު އިތުރުކުރަން ޖެހުނުކަމަށް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!