ސްޓެލްކޯގެ "ސްޓެވޯ" ބްރޭންޑް ޖެނެރޭޓަރުގެ އައު މޮޑަލެއް ތިނަދޫއަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ "ސްޓެވޯ" ބްރޭންޑް ޖެނެރޭޓަރުގެ އައު މޮޑަލެއް ވ. ތިނަދޫއަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އައު މޮޑަލެއް މިހާރު ވަނީ އެސެމްބަލް ކުރެވި، ބާޒާރަށް ނެރެން ތައްޔާރު ކުރެވިފައެވެ.
ސްޓެވޯ ބްރޭންޑުގެ އައު މޮޑެލާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު އެ ވޯކްޝޮޕުން އެސެމްބަލް ކުރެވިފައި ވާކަމަށާއި އެސްޓީޑަބްލިޔު 300، 500، 600 އަދި 800ކަމަށް ސްޓެލްކޯއިން މައުލޫމާތު ދިނެވެ.
ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް އިފްތިތާހު ކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އދ. ހަންޏާމީދޫއަށް ގެންގޮސްފައެވެ.