އަންނަ އަހަރުގެ ބަޖެޓަކީ ފާގަތި، އުއްމީދީ ބަޖެޓެއް: ފައްޔާޒު

2022ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖެ ދަރަނިން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭނެ އުއްމީދީ، އަދި ރާއްޖޭގެ ތަރައްގީގެ ކުރިމަގު ކޮށައިދޭނެ ފާހަގަތި ބަޖެޓެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އަހަރު ހަރަދުކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަރުމާކުރެވި ފާސްކުރެވުނު ބަޖެޓެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ޓްރާންސިޝަން ޕީރިއެޑުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ބަޖެޓަށް ގެނެވި ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް އެ އަހަރު ފެށިކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޖެހިގެން އައި 2020 ވަނަ އަހަރު ހުށަހެޅީ އުއްމީދީ ބަޖެޓެއް ކަމަށާއި އެއަހަރުގެ ބަޖެޓަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ބައެއް ކަނޑައެޅުނު ބަޖެޓުކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ބަޖެޓު ފާސްކުރިތާ މާ ގިނަ ދުވަހެއް ނުވެ ކޮވިޑް-19ގެ ބަލިމަޑުކަމާ ރާއްޖެ ކުރިމަތިލުމާ އެކު ސަރުކާރުން މުޅިން އަލަށް ކުރަން ހުރި ކަންކަން މަޑުޖައްސައިލަން ޖެހުނުކަމަށް ފައްޔާޒު ވިދާޅުވިއެވެ. 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ ބަޖެޓު ބޮޑަށް ހާއްސަ ކުރެވުނީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރަށު ކުރުމަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިއަހަރު ހުށަހެޅި 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މަޑުޖައްސައިލައިފައި އޮތް ތަރައްގީގެ މަޝްރޫއުތައް އަލުން ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގެ މަގްސަދުގައި ހުށަހެޅޭ ބަޖެޓެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން މި ބެޖެޓު މެދުވެރިކޮށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ހާސިލްވާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ވަރަށް ފާގަތި ކުރިމަގަކަށް އަޅުގަނޑުމެންނަށް ތައްޔާރުކުރެވި ތަންފީޒު ކުރެވޭނެ ބަޖެޓެކޭ. އަދި އެއާ އެއްކޮށް އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފިސްކަލް ސިއްހަތު ރަނގަޅު ކުރުމަށް ވެސް ބައްޓަންކުރެވިފައިވާ ބަޖެޓެކޭ" ފައްޔާޒު ވިދާޅުވިއެވެ.
އިތުރަށް ތަފްސީލުކޮށްދެއްވަމުން ފައްޔާޒު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އިގްތިޞާދު ބަންދުކޮށްލައިގެން ތިބެ ރައްޔިތުންނަށް ވީހައި ވެސް ލޮޅުން ކުޑަކޮށް މަސައްކަތްތައް ބައްޓަންކުރަން ޖެހުމުގެ ސަބަބުން ގައުމުގެ ފިސްކަލް ހެލްތަށް ވަރަށް ބޮޑަށް އަސަރު ކުރިކަމަށެވެ. 2022ވަނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއްގެ ގޮތުގައި ސިފަކުރަނީ ރާއްޖޭގެ ދަރަނިން އަރައިގަތުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ބަޖެޓެއްގެ ގޮތުގައި މި ބަޖެޓު ވާނެތީކަމަށް ފައްޔާޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.