ޚަބަރު ސަރުކާރު

ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު ތައާރަފްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު ތައާރަފްކޮށްފިއެވެ.

Ads by Hajj Corporation

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާޙުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަސްކަރީ ޢަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ޤައުމީ ދިފާޢީ ބާރު އެއްކިބާކޮށް، ސިފައިންނާ މެދު ޢަދުލުވެރިކޮށް ކަންކަން ކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ސަރުކާރުން ކަނޑައެޅުއްވި ޢަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

ދުވަހުގެ ހަނދާން އައުކޮށް މިނިސްޓަރ ވިދާޅުވީ ކަމަށް ޤާބިލް، ކިޔަވައިގެން ތިބި ސޯލްޖަރުން ޤައުމުގެ ދިފާޢީ ބާރުން ވަކިވެގެންދާން ޖެހުމަކީ ހަމައެކަނި ސޯލްޖަރުންނަށް ލިބޭ ނިކަމެތިކަމެއް ނޫން ކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވެސް ލިބޭ ނިކަމެތިކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށެވެ. އަދި މީގެ 3 އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތަށް، މާތްﷲގެ އިރާދަފުޅުން، ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާ އެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރު ކުރައްވައިފައިވާ މި ޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއް ކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ، މިޑޮކިއުމަންޓް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް އިޚްލާޞްތެރިކަމާ އެކީ ޝުކުރު އަދާކުރައްވައިފައެވެ.

ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހައި ވެސް އިންސާފުވެރިކޮށް އަދި ދެފުށް ފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހި ކުރާ މި ނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެ ކަމަނާ ވަނީ، ކޮމާންޑަރ-އިން-ޗީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން، މިފަދަ ހެޔޮ ބަދަލުތައް ދިވެހި އަސްކަރިއްޔާއަށް ގެނައުމުގައި އަދާކުރައްވާ ދައުރަށާއި ދެއްވާ އެއްބާރުލުމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!