ވީއައިއޭގެ އައު އޭޕްރަން ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީ ކުރަން ފަށައިފައިވާ 1.2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އެޅި އައު އޭޕްރަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ވީއައިއޭގައި ތަރައްގީކުރި "އޭޕްރަން 3ބީ" ހުޅުވީ މިއަދު ހަވީރު 4:15 ހާއިރެވެ. އައު އެޕްރަން ހުޅުވުމުގެ ގޮތުން އެތަނުގައި އެންމެ ފުރަތަމަ ޕާކްކޮށްފައި ވަނީ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި މޯލްޑިވިއަންގެ އެއާބަސް އޭ321 ފްލައިޓެވެ. އެހެންކަމުން އެ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް ވެސް އެމްއޭސީއެލްގެ ފަރާތުން ދީފައެވެ.

ވީއައިއޭގެ އައު އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ބައިވެރިވެވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި އައު އޭޕްރަން ހުޅުވުމުން އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
"އާ އޭޕްރަން ހުޅުވިފައި މި ވަނީ ޑޮމެސްޓިކް އެއާޕޯޓާއި އިންޓަނޭޝަނަލް އެއާޕޯޓާ ވެސް ކައިރީގައި ކަމަށް ވާތީ، މިހާރު ތަންތަނަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާ އެކު ފްލައިޓާ ހަމައަށް ދެވޭނެ" ސްޓުއާޓް ވިދާޅުވިއެވެ.
ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރަމުން އަންނަ އަދަދު އިތުރުވުމާ އެކު ވަޒީފާގެ ފުރުސަތުތައް ފަހިވެ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގޯޑަން ވިދާޅުވިއެވެ.
ތީވެސް ސޯލިޙްގެ ޕްރޮޖެކްޓއް ދެއްތޯ؟