ކުއްޖެއްގައި ކޯނަކުން ޖެހި މީހަކު ހައްޔަރުކޮށްފި

މަގުމަތިން ކުޑަ ކުއްޖެއްގައިގައި ކޯނަކުން ޖެހި މީހަކު ހައްޔަރުކޮށްފިއެވެ.
އެކަން ހިނގި ވަގުތު އެތަނުގައި ހުރި "ދެން"ގެ ނޫސްވެރިޔަކު ކިޔައިދިން ގޮތުގައި، ކުޑަ ކުއްޖަކު އުރައިގެން މަގުމަތިން ހިނގައިފައި ކުއްޖާގެ މަންމަ ދަނިކޮށް ފަހަތުން ފިރިހެން މީހާ ދުވެފައި އައިސް މަގުމަތީގައި ހުރި ޓްރެފިކް ކޯނެއް ނަގައި ކުޑަ ކުއްޖާ އުރައިގެން ދިޔަ މީހާއާ ދިމާއަށް ހޫރައިލި ކަމަށެވެ.
"ތިން،ހަތަރު އަހަރުގެ ކުއްޖެއް އެއީ. ކޯން ހޫރައިލިއިރު ކުއްޖާގެ މަންމަ ހުރީ އެ ކުއްޖާ އުރައިގެން، ކޯން ގޮސް ޖެހުނީ ކުއްޖާގެ ބޮލުގައި. އަންހެން މީހާގެ ގައިގައި ވެސް ޖެހުނު" ކަން ހިނގި ގޮތް ކިޔައިދެމުން ނޫސްވެރިޔާ ބުންޏެވެ.
އެ ސަރަހައްދުގައި އެވަގުތު ތިބި މީހުން ވަނީ ކުއްޖާގެ ގައިގައި ކޯނުން ޖެހި މީހާ ހިފަހައްޓައިފައެވެ. އަދި މިހާރު އެ ސަރަހައްދަށް ފުލުހުން އައިސް އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިކަން ހިނގައިފައި ވަނީ ހެންވޭރު ސަހަރާ ކައިރީގައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.