ޒުވާނާ ކަނޑަށް ފުންމައިލީ ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރަން
މިދިޔަ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހު، ކާށިދޫ ކަނޑަށް ދޯންޏަކުން ވެއްޓިގެން، އަމިއްލައަށް ފަތައިފައި ގޮސް ކާށިދޫއަށް އެރި ޒުވާނާގެ ވާހަކަ ވެގެން ދިޔައީ އެ ދުވަހު އެތައް ބައެއްގެ ހިތްތަކަށް ފިނިކަން ގެނެސްދިން ހާދިސާއަކަށެވެ.
އެ ހާދިސާގެ ވާހަކަ އެކި މީހުން އެކި ގޮތްގޮތަށް ގެނެސް ދެމުން ދިޔަ އިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ، އެ ޒުވާނާ ސަލާމަތްވީ އޭނާގެ ރައްކާތެރިކަމަށް އެދި އޭނާގެ މަންމަ ދުޢާ ކުރުމުން ކަމަށް ބުނެ ފެތުރެމުން ދިޔަ ވާހަކައަށެވެ. ދަރިންގެ މައްޗަށް މައިން ކުރާ ދުޢާއަކީ ވަރަށް ވެސް ބާރުގަދަ ދުޢާއެއް ކަމާ މެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.
ނަމަވެސް، ރާއްޖޭގެ އެންމެ ގަދަ ކަނޑުތަކުގެ ތެރެއިން ހިމެނޭ އެއް ކަނޑުކަމަށްވާ ކާށިދޫ ކަނޑުން އެ ޒުވާނާ ފަތައިފައި ގޮސް ސަލާމަތްވި ވާހަކައިގެ އެކި ވާޝަންތައް ފެންމަތިވުން ވެގެން ދިޔައީ އެކަމާ މެދު ބައެއް މީހުންގެ ހިތްތަކުގައި ޝައްކު އުފެދުނު ވާހަކަތަކަކަށެވެ.
މި ޝައްކުތަކުގެ ސަބަބުން، އޮންލައިން ނޫސް "ވަގުތު"އިން ވަނީ ތަހުގީގުތަކެއް ހިންގައި އެކަމާ ގުޅޭ ރިޕޯޓެއް އެކުލަވައިލައިފައެވެ.
އެ ތަހުގީގުން ހާމަވެފައި ވަނީ، އެ "ބިރުވެރި ހާދިސާ"އިން ސަލާމަތްވި ކ. ކާށިދޫއަށް އުފަން އުމުރުން 22 އަހަރުގެ އިބްރާހީމް ލީވާން، އެ ދުވަހު ކަނޑަށް ފުންމާލީ އަމިއްލައަށް ކަމަށާއި އޭނާ އެކަން ކުރީ ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރަން ކަމެވެ.
ލީވާން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މަންމައާ އެއްބަނޑު ބޭބެއަކު ދުއްވާ ސަޕްލައި ދޯންޏެއް ކަމަށްވާ "އެސްޓްރީޑް" ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައެވެ.
މަސައްކަތުން ދުވަސްކޮޅަކަށް ބްރޭކެއް ނެގުމަށް ފަހު، އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހަކީ ލީވާން މަސައްކަތަށް އަލުން ނުކުތް ދުވަހެވެ.
"ވަގުތު" ގެ ޓީމަށް އެދުވަހު ކަންތައް ހިނގައިދިޔަ ގޮތް ކިޔައި ދެމުން ވެސް ލީވާން ބުނީ އޭނާ ދޯނީގެ ފަހަތަށް ދިޔައީ ފާޚާނާ ކޮށްލަން ކަމަށާއި ދޯނީގައި ފާޚާނާއެއް ހުއްޓަސް ތާހިރުވާން ފެން ނަގަން ޖެހެނީ ބާލިދީއެއް ބޭނުން ކޮށްގެން ކަނޑުން ކަމަށެވެ. ލީވާން ބުނިގޮތުން އޭނާ ކަނޑުވީ ކުޑަކަމު ދިޔުމަށް ފަހު ދޯނީގެ ފަހަތްކޮޅުގައި ހުރި ކަޅު ހަމެއްގައި ހިފަހައްޓައިގެން ހުރެ ސާފުވާން އުޅެނިކޮށް ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގައި ކަމަށެވެ.
ދޯނިން ކަނޑަށް ވެއްޓުމުން ސަލާމަތް ކުރުމަށް އެދި ދޯނީގައި ތިބި އެހެން މީހުންނަށް ގޮވި ކަމަށާއި އެހެން ނަމަވެސް ޖަނަރޭޓަރާއި އިންޖީނުގެ އަޑުގަދަކަމުން އޭނާގެ އާދޭސްތަކުގެ އަޑު އެމީހުންނާ ހަމައަށް ނުފޯރީ ކަމަށް ވެސް ބުނެފައިވެއެވެ.
ލީވާން ދިޔައީ ފާޚާނާއަށް ކަމަށްވާތީ، އޭނާ ނެތްކަން ދޯނީގައި ތިބި މީހުންނަށް އެނގޭނީ ވަރަށް ފަހުންކަން އަމިއްލައަށް ވިސްނުމުން، ރަށާ ދިމާލަށް ފަތައިފައި ދާން މިސްރާބު ޖެހީ ކަމަށް ވެސް ލީވާން ބުންޏެވެ.
ކޮންމެއަކަސް، އޭނާގެ ހިތްވަރުން އެ ދުވަހު އޭނާ ސަލާމަތުން ކާށިދޫއަށް އަނބުރާ ދިޔައެވެ. އަދި އެކަމަށް ޓަކައި އެއީ ބަޠަލެއް ކަމުގައި ވެސް އެތައް ބަޔަކަށް ސިފަކުރިއެވެ. ލީވާން ބުނެފައިވާ ގޮތުގައި އޭނާ މާކަނޑުގައި ދެ ގަޑިއިރު ހޭދަކުރިއެވެ.
ރަށަށް އަރައިގެން ލީވާން އެންމެ ފުރަތަމަ ދިޔައީ އޭނާގެ އެކުވެރި، އެ ރަށު ހައިލައިޓް ސާމިލް އަޙްމަދު (42އ.)ގެ ގެއަށެވެ. އެ ގެޔަށް ގޮސް ގިނައިރަކު މަޑުކުރާން ނެތި ސާމިލްއާ އެކު ސައިކަލުގައި ދެން ދިޔައީ ފުލުހުންގެ އިދާރާއަށް ކަމަށް ލީވާން ވަނީ ބުނެފައެވެ.
"ވަގުތު" ޓީމަށް މައުލޫމާތު ދެމުން ސާމިލް ބުނީ ލީވާން ފެނުނުއިރު އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވާން ހުރި ކަމަށާއި އެހެން ނަމަވެސް އަވަހަށް ގޮވައިގެން ފުލުހުންގެ އިދާރާއަށް ދިޔައީ ކަމަށެވެ.
ސާމިލްއަކީ ލީވާންގެ އެކުވެރިއެއް ކަމުގައި ވިޔަސް އޭނާ ވެސް ވަނީ ލީވާން ދެއްކި ވާހަކަތަކާ މެދު ސުވާލު އުފައްދައިފައެވެ. އެގޮތުން ކާށިދޫކަނޑުގައި ދެ ގަޑިއިރު ފަތައިފައި ރަށާ ހިސާބަށް އައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ލީވާނު ރަށަށް އެރިކަމަށް ބުނާ ސަރަޙައްދުން އެގެޔާ ހަމައަށް ހިނގައިފައި އައުމަށް ވިއްސަކަށް މިނެޓު ހޭދަވާނެކަމަށް ސާމިލް ވެސް ޤަބޫލުކުރެއެވެ. އެހެންކަމުން ލީވާނު ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި، އޭނާ ދޯނިން ގަސްތުގައި ފުންމާލީކަމަށް ސާމިލް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.
ލީވާންއާ މެދު ޝައްކު އުފެދުނު އަނެއް ކަމަކީ ދޯނީގެ ކައްޕި ޚާލިދު އަބްދުﷲ އެ ދުވަހާ ގުޅޭގޮތުން ކިޔައިދިން ވާހަަކަތަކުންނެވެ. އެ ގޮތުން ހުޅުމާލެއިން ދޯނި ނައްޓައިލީ، ކާށިދޫގައި މަޑުކޮށްފައި ބ. އަތޮޅު ކުޑަރަށަށް ފުރާގޮތަށް ނިންމައިގެން ކަމަށް ޚާލިދު ބުންޏެވެ. އެއީ "ގަދަ ދުވަހެއް" ކަމަށާއި ފުރައިގެން ގޮސް ގާފަރު ކަންމަތިން ނިންމީ ކާށިދޫއަށް މަޑުނުކޮށް ސީދާ ކުޑަރަށަށް ދިއުމަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޚާލިދު ބުނީ ރަށަށް ނުގޮސް ބ. އަތޮޅަށްދާކަން ލީވާނަށް އެނގުމުން އޭނާ އެތައް ފަހަރެއްގެ މަތީން ރަށަށް ޖައްސާފައި ދާން އެދުނު ކަމަށެވެ. އެހެން ނަމަވެސް ކަން އޮތްގޮތް ކިޔައިދީ ރަށަށް ދެވެން ނެތްކަން ލީވާނަށް އަންގާފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ޚާލިދު ބުނީ ކާށިދޫއަށް ފައިބަން މަސައްކަތް ކުރަން ލީވާން އެތައް ވާހަކަތަކެއް ދެއްކި ކަމަށާއި މިގޮތުން "ތިމަންނާ ފައިބަން ދޯނި ރަށް ބޭރަށް ކައިރިކޮށްލަންވީ ނޫންހޭ ވެސް" އެހި ކަމަށާއި، އެކަމަށް އެއްބަސް ނުވުމުން އެދުވަހުގެ އޮއިވަރާއި ވައި ހުރިގޮތް ވެސް ހޯދި ކަމަށެވެ. އަދި ދޯނި ކާށިދޫ ކައިރިން ދަތުރުކޮށްފައި ދަނިކޮށް އެއްޗެއް ވައްޓައިލައިފި ނަމަ ރަށަށް ލައްގާނެތޯވެސް ލީވާނު، ޚާލިދު ކައިރިން އަހައި އޮޅުންފިލުވައިފައި ވެއެވެ.
"ކާށިދޫގެ ހުޅަނގުފަރާތުން ހުންނާނެ ނެރެއް. ނެރުގެ އޮއިމައްޗަށް އަރައިފައި އެއްޗެއް ވައްޓައިލައިފި ނަމަ ރަށަށް ދޯއޭ ލައްގާނީ ވެސް އެހި. އެހެން އެހިޔަސް އަޅުގަނޑަކަށް ނޭނގޭ އޭނާގެ ހިތުގައި ރާވައިފައި އޮތް އެއްޗެއް. އެހެންވީމާ މި ހުރިހާ މަޢުލޫމާތެއް އަޅުގަނޑުގެ ގާތުން ހޯދައިފައި އޭނާ އޮތީ ހެނދުނު،" ވަގުތުގެ ޓީމަށް ޚާލިދު ކިޔައިދީފައިވެއެވެ.
ޚާލިދު ބުނި ގޮތުން ލީވާނު ރޭވުންތެރިކަމާ އެކު ކާށިދޫ ކައިރިއަށް ދޯނި ގެންދިއުމަށް ފަހު ފުންމާލީ އޭނާއަށް ނިދުނު ވަގުތުކޮޅު ކަމަށެވެ. އަދި އެދަނޑިވަޅުގައި އޭނާގެ އަތަށް ހުންގާނު ވެސް ލިބުމާ އެއްކޮށް އޭނާ ބޭނުންވި "ޕޮއިންޓަށް" ދޯނި ލައްކޮށްފައި ފުންމާލަން ފަސޭހަވީކަމަށް ޚާލިދު ބުންޏެވެ.
އެހެންކަމުން ކާށިދޫގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ލީވާން އެ ދުވަހު ދޯނިން ކަނޑަށް ފުންމައިލީ، ރަށާއި އެ ދޯނި ވަރަށް ކައިރި ކުރުމަށް ފަހު އަތުގައި ހުރި މަސްތުވާތަކެތި ކާށިދޫއަށް އެތެރެކުރާށެވެ.
ލީވާން ނުވަތަ ކާށިދޫގައި އޭނާ އާންމުވެފައިވާ ނަމުން ނަމަ "ލީއްކޮ"އަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނެއް ކަމަށް އެރަށުގެ ވަރަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެ ގޮތުން މަސްތުވާތަކެތީގެ ގްރޫޕަކާ ގުޅިގެން އުޅޭކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފައިވާ ލީވާން ވަނީ މީގެ ކުރިން ވެސް މަސްތުވާތަކެތި ހޯދަން މޫދަށް ފުންމައިލައިފައި ކަމަށް ބައެއް މީހުން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށް، ދާދި ފަހުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގޮވައިގެން "އެސްޓްރީޑް" ދޯނިން ކުރި އެ ދަތުރުގައި ރ. އަތޮޅު ދުވާފަރަށް ނޭރި އެރަށު ފަޅުތެރޭގައި ދޯނި އަޅައިފައި އޮއްވައި، މަސްތުވާތަކެތި ހޯދުމުގެ ބޭނުމުގައި ލީވާން މޫދަށް ފުންމައިލައި ފަތައިފައި އެރަށަށް އެރިކަމަށް ވެއެވެ.
ހުއްދަނެތި، ޤަވާއިދާ ޚިލާފަށް ލީވާން އެ ރަށުތެރޭގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޯންޏަށް ގެނެސްފައި ހުއްޓާ ފަހުން އެރޭ ދަންވަރު އަނެއްކާ ވެސް ފަތައިފައި ރަށުތެރެއަށް އަރައިގެން އުޅެނިކޮށް ދެވަނަ ފަހަރަށް ފުލުހުން އޭނާ އަތުލައިގަތް ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފައެވެ.
ޖިނާއީ މައްސަލަތަކެއްގައި މީގެ ކުރިން ވެސް ލީވާން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
ލީވާން ފަހުން ވަނީ އޭނާގެ ރޭވުން "ވަގުތު" ޓީމަށް ކިޔައިދީފައެވެ. އެގޮތުން އެ ޓީމުން ބުނީ ސާމިލް ދިރިއުޅޭ ގޯތިތެރޭގައި ރައްކާކުރި މަސްތުވާތަކެއްޗަކީ މިރަށުގައި އުޅޭ، އަހުމަދު ނަމަކަށް ކިޔާ މީހެއް (ޢާންމު ނަމުން ނަމަ "ލޮރޭ")ގެ ތަކެތި ކަމަށް ލީވާން ބުނި ކަމަށެވެ.
މަސްތުވާ އެއްޗެހި ރަށަށް ގެނައުމަށް އެދި އަހުމަދު ގުޅީ ހުޅުމާލެއިން ދޯންޏަށް މުދާ ބަރުކުރަމުން އަންނަނިކޮށް ކަމަށާއި، ތަކެތި "އެކޮޅުން މީހަކު އައިސް ހަވާލުކުރީ" ކަމަށް ލީވާނު ބުންޏެވެ. ނަމަވެސް މާލެއިން އެތަކެތި އޭނާއާ ޙަވާލުކުރީ ސީދާ ކާކު ކަމެއްކަމެއް ލީވާނަކަށް ވެސް ނޭނގެއެވެ.
ލީވާނު ބުނިގޮތުން ކަނޑަށް ފުންމާލުމުގެ ޚިޔާލު އެންމެ ފުރަތަމަ ދިން މީހަކީ ވެސް އަހުމަދެވެ. މިގޮތުން "އަންނާނީ ރަށް ކައިރިން ނޫންހޭ، ކައިރިވީމާ ފުންމާލާށޭ،" ބުނީ ވެސް އަހުމަދުކަމަށް ލީވާނު ބުންޏެވެ. ނަމަވެސް ކުރިން ދޯނި އޮތީ ކާށިދޫއަށް ލަފާގޮތަށް ކަމުން ލީވާނު ނިންމައިގެން ހުރީ ރަށަށް ދޯނި ބަނދަރުކުރުމުން، މަސްތުވާތަކެތި ހިފައިގެން ގޮސް ސީދާ އަހުމަދާ ޙަވާލު ކުރުމަށް ކަމަށް ވެސް ލީވާން ވަނީ ކިޔައިދީފައެވެ.
"ފަހުން އަހުމަދަށް ގުޅައިފައި ބުނިން އެއްޗެހި ޕޮޓުކޮށްފަ ހުރި ތަން. ދެން އޭނާ ގޮސް އެތަކެތި އެތަނުން ނަގައިގެން ގޮސް އެހެންތާކު ޕޮޓުކުރީ. ހުންނާނީ ހަކުރާ ތެލާ ދެބައިން 50/50. މިހާރު އެ އެއްޗެހި އެބައުޅޭ މިކޮޅުގައި،" ޖެހިލުމެއް ނެތި ލީވާން ބުނެފައިވެއެވެ.
ލީވާން މީގެ އިތުރުން ބުނީ މަސްތުވާތަކެތި ރަށަށް ގެނެސްދިނުމުން ފައިސާދޭނެކަމަށް ވެސް އަހުމަދު ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދޭނީ ގެނައި މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ލީވާން ޤަބޫލުކުރެއެވެ.
ލީވާން ދިން މައުލޫމާތުތަކާ ގުޅިގެން "ވަގުތު" ޓީމުން އަޙްމަދާ ސުވާލު ކުރުމުން އޭނާ ،ލީވާން ދަންނަކަމަށް ވެސް ނުހެދިއެވެ. އަދި އިތުރަށް ދޭނެ މައުލޫމާތެއް ނެތް ކަމަށް ވެސް ބުންޏެވެ.
ފުރާނަ އަތްމައްޗަށް ލައިގެން ކާށިދޫއަށް އެތެރެކުރި މަސްތުވާތަކެތީގެ ވާހަކަ ދައްކަމުން ލީވާނު ބުނެފައި ވަނީ، އެތަކެތި ވިއްކަން ޢަމަލީގޮތުން އޭނާ ވެސް ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، ކުޑަމިނުން "މަންމަގެ ބޮލަށް ވެސް ހުންނާނީ ޗިޕު ޖަހައިފައި" ކަމަށް ލީވާނު ބުނެފައިވެއެވެ.
ކަނޑުވެގެން ފަތައިފައި ގޮސް ސަލާމަތްވި ކަމަށް ބުނެ ލީވާން ދެއްކި ވާހަކަތައް ޤަބޫލުކުރި މީހުންނަށް މަލާމާތް ރައްދުކުރަމުން ލީވާނު ބުނެފައި ވަނީ ކަނޑަށް ވެއްޓޭ މީހެއްގެ ފައިވާނެއް ވެސް ނޯންނާނެ ކަމަށާއި، ގައިގައި ހުރި ހެދުމެއް ވެސް އެހައި އިރު ފަތައިފައި އަންނައިރު ނޯންނާނެކަން އޭނާއަށް އެނގޭ ކަމަށެވެ.
ލީވާން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އޭނާއަކީ ބަތަލެކެވެ. ރޭވުންތެރިކަމާ އެކީ ބައެއްގެ ބޯ ކައިލެވުނީމައެވެ.
ކިހިނެއް ހުރިހާ ވާހަކައެއް ބޭރުކުރުވީ؟
ސާމިލް ގޭގަ އޯ ބަހައްޓާފަ ހުރީ. މާލެއިން ހިފައިގެންނޯ އައީ. ސާމިލް ގެއަށް ދިޔައީ އެބަލައި. އޮޅިއްޖެ.