އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް މ.ބާރަނާގެ މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. މާވެޔޮގެ ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ ޢައްޔަން ކުރައްވައިފިއެވެ.
މި ބޭފުޅުން މި މަޤާމުތަކަށް ޢައްޔަން ކުރައްވައިފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006 )ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
މަރްޔަމް މުނާ ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ. މަރްޔަމް މުނާ މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ. އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގައެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައް އޭނާ ފުރުއްވައިފައިވެއެވެ.
ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވައިފައި ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިންނެވެ. މީގެ ކުރިން އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވައިފައެވެ. މީގެ އިތުރުން ޑޮކްޓަރ އަދުހަމަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވައިފައިވާ ބޭފުޅެކެވެ. ޑޮކްޓަރ އަދުހަމް މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ.