އަފްޣާނިސްތާނާ ގުޅޭ ސަމިޓްގައި އެ ގައުމުގެ އޮފިޝަލުން ބައިވެރިއެއް ނުކުރި

އަފްޣާނިސްތާނުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަން އިންޑިއާއިން ބޭއްވި ސަމިޓްގައި އަފްގާންގެ އޮފިޝަލުން ބައިވެރި ނުކުރާތީ އެ ޤައުމަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
އެމެރިކާއިން ވާގިވެރިވާ ސަރުކާރު ވެއްޓުމާއި ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އައުމާ ގުޅިގެން މިއަދު ފެށި "ދިއްލީ ރީޖަނަލް ސެކިއުރިޓީ ޑައިލޮގް އޮން އަފްޣާނިސްތާން"ގައި ބައިވެރިވުމަށް ޕާކިސްތާނާއި ޗައިނާއިން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.
އިންޑިއާގައި ހޯސްޓް ކުރާ މި ސަމިޓަށް އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވާލް ވަނީ މި މަޝްވަރާތަކަށް އީރާން، ކަޒަކިސްތާން، ކިރްގިސްތާން، ރަޝިޔާ، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނުގެ ސަލާމަތީ ބާރުތަކުގެ ވެރިންނަށް ދައުވަތު އަރުވައިފައެވެ.
"މިއީ އަޅުގަނޑުމެންގެ މެދުގައި މަޝްވަރާ ކުރަންވީ ވަގުތު. އަފްޣާނިސްތާނަށް އެހީވެވޭނީ އެންމެން އެކުވެގެން" ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ޑޯވާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދީ، ސަރަހައްދުގެ އެއްބައިވަންތަކަމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.