ޚަބަރު ރައްޔިތުންގެ މަޖިލިސް

ޑޯނިއޯ އެއްބަސްވުމުގައި ސިއްރުކުރަން އޮތް މާއްދާ މިނިސްޓަރަށް އޮޅިވަޑައިގެންފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއޯ މަތިންދާ ބޯޓާ ގުޅިގެން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި މައުލޫމާތު ސިއްރުކުރަން ލިޔެވިފައިވާ މާއްދާ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އޮޅިވަޑައިގެންފިއެވެ.

Ads by MWSC

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމްކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާއާއި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން މަޖިލީހަށް ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި ޑޯނިއޯ މަތިންދާ ބޯޓާ ގުޅޭ މައުލޫމާތު އާންމު ބައްދަލުވުމެއްގައި ހިއްސާކުރަން ޑިފެންސުން ދެކޮޅު ހެދުމުން މެމްބަރަކު ވަނީ ޑޯނިއޯ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ސިއްރުކުރައްވަން ނިންމެވިއިރު އެއްބަސްވުމުގައި އެފަދަ އެއްވެސް މާއްދާއެއް ހިމަނައިފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޑޯނިއޯ އޮޕަރޭޝަނާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރަނީ "ކޮންފިޑެންޝަލިޓީ" ހިފެހެއްޓުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާގެ ދަށުންކަމަށެވެ.

"(މައުލޫމާތު ސިއްރު ކުރަނީ) އެގްރީމެންޓުގަ އެހެން ލިޔެފަ އޮންނާތީ. ދެފަރާތުން އެއްބަސްވެފަ އޮންނާތީ. އެ ކޮންފިޑެންޝިއަލިޓީ މި ދެފަރާތް ފިޔަވައި އިތުރު ފަރާތަކާ ހިއްސާ ކުރާކަމަށް ވަންޏާ އެ ބޭފުޅުން އޭތި ކޮންފިޑެންޝަލްކޮށް ގެންގުޅެންވާނެކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މާރިޔާ ދީދީ އިތުރަށް ވިދާޅުވީ ސަގާފަތް އޮންނަ ގޮތުން ދެ ގައުމުގެ ދޭތެރޭގައި ހަދާ ދިފާއީ އެއްބަސްވުންތައް އަބަދުވެސް އޮންނާނީ ސިއްރު ކުރެވިފައި ކަމަށެވެ.

އެ މާއްދާ ތަފްސީލުކޮށް ކިޔައިދެއްވުމުން މެމްބަރުން ވިދާޅުވީ އެ މާއްދާގައި ބަޔާންކުރަނީ ޑޯނިއޯ އޮޕަރޭޝަންތަކުގައި ހޯދޭ ކްލަސިފައިޑް ވަކި މައުލޫމާތުތަކެއް ސިއްރު ކުރަން ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތާއި، އެއްބަސްވުމުގެ ދަށުން ތިބޭ ސިފައިންގެ އަދަދާއި، އެމީހުންނަށް ލިބިދޭ ބާރުތައް ފަދަ މައުލޫމާތުތައް ސިއްރުކުރަން އެ މާއްދާއިން ބާރު ނުލިބޭކަމަށް ވިދާޅުވިއެވެ.

މެމްބަރުގެ އެ ވާހަކަފުޅަށް މިނިސްޓަރު އިތުރަށް ޖަވާބު އަރުވައިފައެއް ނުވެއެވެ. ކޮމިޓީން ވެސް ނިންމީ އެފަދަ މައުލޫމާތު މެމްބަރާއި ވަކިން ހިއްސާކޮށް ސިއްރުން އެކަން ކުރިއަށް ގެންދާށެވެ. މި ކޮމިޓީ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ބުނީ ޑޯނިއޯ އޮޕަރޭޝަންތަކަށް އިންޑިއާ އަސްކަރިއްޔާގެ 75 ޕައިލެޓުން ރާއްޖޭގައި ތިބޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންނަށް މުސާރަ ދީފައި ޑޯނިއޯ ދުއްވަން ދިނުމުގެ ގާބިލުކަން ދައުލަތުގެ މާލިއްޔަތުގައި ނެތްކަމަށެވެ.

241 ކޮމިޓީގެ މި ބައްދަލުވުމުގައި އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މާ ބޮޑު މައުލޫމާތެއް ޑިފެންސުން ހިއްސާކޮށްފައެއް ނުވެއެވެ. ކޮމިޓީގެ މުގައްރިރު ނިންމީ އެ މައުލޫމާތުތައް ސިއްރު ބައްދަލުވުމެއްގައި އޮޅުންފިލުވާށެވެ.

Ads by Allied Insurance
  1. ި ޚަބިލި

    ތިޔަހުރީ ރައްޔިތުންގެ ހައްޤުތަކަށް ކޮޅުފައިން ާ އެރިމިހާ އިންޑިޔާގެ ސިއްރުހިފަހެއްޓުންތަ މުހިންމީ ީ ނޫނީ ދިވެހިރައްޔިތުންގެފައިސާއިން ބޮޑުމުސާރަނަގައިގެން ތިޔަކަހަލަ މަކަރު ވެރިސިއްރު އެއްބަސްވުން ހެދުންތޯ ؟ ކަމަނާގެ މަސްއޫ ލިއްޔަތަކީ ހިމާޔަތްކުރަން މުހިންމީ މިގައުމުގެ ރައްޔިތުންގެ ހައްގުތޯ ނުވަތަ އިންޑިޔާގެ ސިއްރުތޯ؟ ކަމަނާގެ ލަދުކޮބައިތޯ؟