ސިޔާސީ މަޤާމުގައި ތިބި ފަރާތްތަކުގެ މުސާރަ ކުޑަކޮށްގެން ނުވާނެ: ޝަރީފް
ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ކުޑަކޮށްގެން ނުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ފައިސާ ޗާޕު ކުރުމުގެ ހުއްދަ ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އޯވާޑްރޯ ކުރަން ދީފައިވާ ހުއްދަ އަހަރަށް ދުވަހަށް ދަމާލަން ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހުގައި އެދުމުން އެކަމަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މެންބަރު އާދަމް ޝަރީފް އުމަރުވަނީ ދައުލަތުގެ ޚަރަދު ކުޑަ ކުރަން ސިޔާސީ މަޤާމުތައް މަދުކޮށް، މަޖިލީހުގެ މެންބަރުންގެ މުސާރަ ދަށް ކުރަން ގޮވާލާފައެވެ.
މިކަމަށް ރައްދު ދެއްވަމުން އިބްރާހީމް ޝަރީފް ވިދާޅުވީ، ސިޔާސީ މަޤާމުތަކުގައިވެސް ތިބެނީ ދިވެހި ރައްޔިތުން ކަމަށާއި އެމަޤާމުތަކުން އެ މީހުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ އާއިލާއެއް އޮންނަ ކަމަށާއި ވަޒީފާގެ އާއްމުދަނީ ލިބެނީ ދިވެހި އާއިލާ ތަކަށް ކަމަށްވެސް މަވޯޓާ ޝަރީފް ވިދާޅުވިއެވެ.
"ސިޔާސީ މަގާމުތަކުގައި ވެސް ތިބެނީ ދިވެހި ރައްޔިތުން، އެ ރައްޔިތުންގެ ވަޒީފާ ވެސް ގެއްލިގެން ނުވާނެ، މަގާމުން ވަކިކޮށްގެން ނުވާނެ، މުސާރަ ވެސް ކުޑަކޮށްގެން ނުވާނެ، އެ ރައްޔިތުން ވެސް ހިތްދެމިލައިގެން އުޅެވެން ވާނެ،" ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅުން މިއަދުގެ ޖަލްސާގައި ފައިސާ ޗާޕު ކުރުމުގެ ހުއްދަ ދިގު ދަންމާލަން ހުށަހަޅާފައިވާތީ ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ. މިކަމަށް ރައްދު ދެއްވަމުން މަވޯޓާ ޝަރީފްވަނީ ސަރުކާރުން 4.2 ބިލިޔަން ރުފިޔާ އޯވާ ޑްރާފްޓްކޮށްގެން ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނި ނަގަން ޖެހޭ ހާލަތެއްގައި ދަރަނި ނަގަން ޖެހޭނެ ކަމަށާއި ޤައުމުގެ އިޤްތިޞާދު އަލުން ހުޅުވާލަން ކުރަން ޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށް މަވޯޓާ ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދު ހުއްޓިއްޖެނަމަ، ރާއްޖޭގެ ރައްޔިތުންގެ ވަޒީފާތައް ގެއްލި މީހުންގެ އާއްމުދަނީއަށް ބުރުއަރާ، ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓޭނެ." ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ހާލަތެއް ނާންނަ ގޮތަކަށް ކަންތައް ކުރުމަށް ކަމަށެވެ. "ޕްރިންޓް ކުރަން ޖެހޭ ހާލަތެއްގައި ޕްރިންޓްވެސް ކުރަން ޖެހޭނެ. ފައިސާގެ އަދަދު ދަށްވާ ހާލަތެއްގައި ދަށްވެސް ކުރަން ޖެހޭނެ."