މުޒާހަރާތައް ދިގުލައިދިއުމުން މޯދީގެ ސަރުކާރުން ގޮތް ދޫކޮށްފި
އިންޑިއާގެ މައި ސަރުކާރުން ދަނޑުވެރިކަމުގެ ސެކްޓަރގެ ޤާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން، ދަނޑުވެރިން ކުރަމުން އައި މުޒާހަރާތައް އަހަރެއްވީއިރު ވެސް ހުއްޓައި ނުލުމުން، އެ ޤާނޫނުތައް އުވާލާނެކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދިއްލީގެ ބޯޑަރުތަކުގައި އެތައް ހާސް ދަނޑުވެރިން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުން އަންނައިރު، ކޮވިޑް-19 ސަބަބުންނާއި ގަދަ އަތްވާއި ހޫނުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި މުޒާހަރާގެ ބައިވެރިން ފަހަށް ޖެއްސުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
ދަނޑުވެރިން ހަޅުތާލު ކުރަމުން ދަނީ ދަނޑުވެރިކަމުގެ ސެކްޓަރަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ހިތްހަމަނުޖެހިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުތައް ގެނައުމުން ދަނޑުވެރިން އުފައްދާ ތަކެތި މިނިވަންކަމާ އެކު މާބޮޑަށް ވިއްކޭނެ ކަމަށެވެ. އެކަމަކު ދަނޑުވެރިން ބުނަމުން ދަނީ އެ ބަދަލުތައް ގެނެސްފި ނަމަ އެ މީހުން އިތުރަށް ފަގީރުވާނެ ކަމަށެވެ.
އެ ގާނޫނުތަކަކީ ދަނޑުވެރިންނަށް ރަނގަޅު ގާނޫނުތަކެއް ކަމަށް ވިދާޅުވެ، އެ ގާނޫނުތައް އަނބުރާ ގެންނެވުމުގެ އެއްވެސް ސުވާލެއް ނެތް ކަމަށް މޯދީގެ ވަޒީރުން ގެންދަނީ ބުނަމުންނެވެ.
ދަނޑުވެރިކަމާ ބެހޭ ޔޫނިއަންތަކުން މިކަން ދެކެނީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ޕަންޖާބާއި އުއްތަރަ ޕްރަދޭޝްގައި ކުރިއަށް އޮތް ސްޓޭޓްތަކުގެ އިންތިޚާބަކީ ދަނޑުވެރިންގެ ބޮޑު އަސާސެއް އޮންނަ ދެ ސްޓޭޓްކަމުން މި ނިންމުން ނިންމީ މަޖުބޫރުވެގެން ކަމަށެވެ.