ދުނިޔެ

ހޫތީންގެ ހަމަލާތައް ސައުދީގެ ސިޓީތަކަށް: 14 ޑްރޯން ފޮނުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔަމުނުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހޫތީންގެ ހަނގުރާމަވެރިން އިއްޔެ ، ސައުދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

Ads by Sosun Fihaara

ހޮނިހިރު ދުވަހު،  ޓީވީ މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައި ވަނީ އެ ޖަމާއަތުން ޖިއްދާގައި ހުންނަ އަރަމްކޯގެ ރިފައިނަރީތަކުގެ އިތުރުން ރިޔާދު، ޖިއްދާ، އަބްހާ، ޖިޒާން އަދި ނަޖްރާންގައި ހުންނަ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. ޖުމްލަ 14 ހަމަލާއެއް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ސާރީ ބުނީ އެ ހަމަލާތަކަކީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދައިފައިވާ އަރަބި ކޯލިޝަނުން  ޔަމަނުގައި ހިންގާ "ޖަރީމާތައް" އިތުރުވެ، ޔަމަނު ހިސާރުކުރުން އަދިވެސް ކުރިޔަށް ގެންދާތީ ދިން ހަމަލާތަކެއް ކަމަށެވެ.

ޑްރޯން ހަމަލާގެ ތުހުމަތުތަކާ ގުޅިގެން ސައުދީ ކޯލިޝަނުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ބުނީ ހޮނިހިރު ދުވަހު ޔަމަނުގައި އެ ކޯލިޝަނުން ހިންގި އޮޕަރޭޝަންގެ ސަބަބުން ވެރިރަށް ސަނާގެ އިތުރުން ސާދާ އަދި މަރިބް ޕްރޮވިންސްގައި ހުރި ހަތިޔާރު ގުދަންތަކާއި ވައިގެ ދިފާއީ ނިޒާމުތަކާއި ޑްރޯންގެ މުވާސަލާތީ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޔަމަންގެ ދާހިލީ ހަނގުރާމަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު އަބްދު ރައްބު މަންސޫރުލް ހާދީގެ ވެރިކަމާ ދެކޮޅަށް، ހޫތީ ހަނގުރާމަވެރިން 2014ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. މި މައްސަލަ އިތުރަށް ހޫނުވީ 2015ވަނަ އަހަރު ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދައިފައިވާ ކޯލިޝަނަކުން ހޫތީންނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

އދގެ އިންސާނީ އެހީއާބެހޭ އިދާރާއިން ބުނީ މި ހަނގުރާމައިގައި މިހައިތަނަށް 233،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!