ރިޕޯޓް

ޓައިވާނުގެ ތާރީޚަށް ނަޒަރެއް: މިނިވަން ޤައުމެއްތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާން ، ރަސްމީ ނަމުން ނަމަ ރިޕަބްލިކް އޮފް ޗައިނާ (އާރްއޯސީ)އަކީ ޗައިނާއިން ވަކިވެފައިވާ ރަށެކެވެ. ވަކި ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ޓައިވާން ބަލައިނުގަންނައިރު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)އިން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. 1949ވަނަ އަހަރުން ފެށިގެން ވެރިކަމެއް ކުރަމުން އަންނަ ޓައިވާނަކީ، ޗައިނާގެ މައިބިމާ އެކީ ވެރިކަން ކުރާ ޤައުމަކަށް ހަދަން ޗައިނާގެ ސަރުކާރުން ވަނީ ވައުދުވެފައެވެ. އެއީ "މައިބިމާ އެއްބައިވަންތަ" ކުރުމަށް ޗައިނާއިން ފަށައިފައިވާ ކެންޕެއިންގެ ތެރެއިންނެވެ. ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ "ބަޣާވާތުގެ" ޕްރޮވިންސެކެވެ. ޓައިވާނުން ދެކޭ ގޮތުގައި އަސްލު ޗައިނާއަކީ ޓައިވާނެވެ.

Ads by Sosun Fihaara

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރެވިފައިވާ ސަރުކާރެއް އޮންނަ އަދި 23 މިލިއަން މީހުން ދިރިއުޅޭ ޓައިވާންގައި، އެރަށުގެ ހާލަތާއި މައި ރަށާ އޮންނަ ގުޅުމާ މެދު ސިޔާސީ ލީޑަރުންގެ ޚިޔާލު ތަފާތުވެފައި ވެއެވެ. މައްސަލަ އިތުރަށް ގޯސްވެފައި ވަނީ 2016ވަނަ އަހަރު ޓްސައި އިންގް-ވެން ޓައިވާންގެ ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ. ޓައިވާނުން މީގެ ކުރިން ދޫދިނުމުގެ ސިޔާސަތެއް އޮތަސް، އެމެރިކާއިން ވާގިވެރިކަމާ އެކު ޓައިވާނުންދަނީ އެ މީހުންގެ ޙައްޤު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާއާއި ޓައިވާންގެ މަޝްރަޙް ހޫނުވަމުން އަންނައިރު، މިއީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ މައްސަލައެއް ކަމަށް މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވިއެވެ.

ޓައިވާނުގައި ތާރީޚް

ޓައިވާނަކީ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ވަޒަންވެރިންނަކީ އޮސްޓްރޯނޭޝިއާގެ ޓްރިބިއުނަލް މީހުންނެވެ. އެ މީހުންނަކީ މިޒަމާނުގެ ދެކުނު ޗައިނާގެ ދަރިކޮޅެވެ.

ލިޔުންތަކުން ޓައިވާންގެ ސަރަހައްދު ފެންނަން ފެށީ މީލާދީން 239ވަނަ އަހަރުގައެެވެ. މިރަށަށް 239ވަނަ އަހަރު ޗައިނާގެ އޭރުގެ އެމްޕެރަރ ވަނީ އެ ސަރަހައްދު ބައްލަވައިލެއްވުމަށް ވަފުދެއް ފޮނުވައިފައެވެ. ބެއިޖިންއިން ޓައިވާނަކީ އެ ޤައުމުގެ ސަރަހައްދެއްގެ ގޮތުގައި ޓައިވާން ކަނޑައަޅަން މިކަން ފާހަގަކުރެއެވެ.

1624-1661 އަށް ޓައިވާން އޮތީ ޑަޗް މީހުން ހިސޯރުކޮށްފައެވެ. އޭގެ ފަހުން ޗައިނާއިން އެ ޤައުމު އަނެއްކާ ވެސް ޗައިނާގެ ބާރުގެ ދަށަށް ގެނައެވެ. 1683އިން 1895އަށް ޓައިވާން އޮތީ ޗައިނާގެ ބާރުގެ ދަށުގައެވެ.

1895ވަނަ އަހަރު ފުރަތަމަ ސައިނޯ-ޖަޕާން ހަނގުރާމަ ޖަޕާނުން ކާމިޔާބު ކުރިއެވެ. މިހެންކަމުން ޖަޕާނުގެ ބާރުގެ ދަށަށް ޓައިވާން އައެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުން ވަނީ ޗައިނާއިން ހިފައިފައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ދޫކޮށްލައިފައެވެ. ހަނގުރާމައިގައި ކާމިޔާބު ހޯދި އެއް ގައުމު ކަމަށްވާ ރިޕަބްލިކް އޮފް ޗައިނާއިން ޓައިވާންގައި ވެރިކަން ކުރަން ފަށައިފައި ވަނީ އެ ގައުމުގެ އެކުވެރި ގައުމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރުހުމާ އެކުއެވެ.

އެހެން ނަމަވެސް މާ ގިނަ އަހަރުތަކެއް ނުވެ، ޗައިނާގައި ދާޚިލީ ހަނގުރާމައެއް ފެށުނެވެ. އެއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ނޭޝަނަލިސްޓް ޕާޓީއާ ދެމެދު ކުރެވުނު ދާޚިލީ ހަނގުރާމައެވެ. ނޭޝަނަލިސްޓް ޕާޓީގެ އޭރުގެ ލީޑަރު ޗިއަންގް ކައި-ޝެކްގެ ފައުޖުތައް މާއޯ ޒެޑޮންގްގެ ކޮމިއުނިސްޓް އަސްކަރިއްޔާއިން ފަހަތަށް ޖައްސައި ހަނގުރާމަ ކާމިޔާބު ކުރިއެވެ.

ޗައިނާގެ ލީޑަރު ކަން އެއް އިރެއްގައި ކުރި ޗިއަންގް ކައި ޝެކް | އޭނާގެ ސަޕޯޓަރުންނާ އެކު ޓައިވާނަށް ފިއްލަވައިގެން ވަޑައިގެންނެވި

ޗިއަންގްއާއި އޭނާގެ ކުއޯމިންޓަންގް (ކޭއެމްޓީ) ސަރުކާރުގެ އިސްވެރިންތައް، ހަނގުރާމައިން ބަލިވުމުން 1949ވަނަ އަހަރު ޓައިވާނަށް ފިލައިގެން ދިޔައެވެ. އެ ފަހަރު ޗައިނާއިން 1.5 މިލިޔަން މީހުން ޓައިވާނަށް ދިޔައެވެ. ޓައިވާންގެ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން ކޭއެމްޓީއިން ވަނީ ބާރު ހިންގައިފައެވެ. ސިޔާސީ މައިދާނުގައި މި މީހުންގެ ބާރުގަދަ ނަމަވެސް، މި މީހުންނަކީ ޓައިވާންގެ އާބާދީގެ އެންމެ 14 އިންސައްތައެވެ.

ޚުދުމުޚުތާރު ވެރިކަމެއް ގެނައުމާ ދެކޮޅަށް ރައްޔިތުންގެ ނުރުހުމާއި، ޑިމޮކްރެސީގެ ވަރުގަދަ ޙަރަކާތުގެ ޕްރެޝަރުގެ ސަބަބުން، ޑިމޮކްރެޓިކް ވެރިކަމެއް ޓައިވާނަށް އައެވެ. ޓައިވާންގެ "ޑިމޮކްރަސީގެ ބައްޕަ"ގެ ނަމުން މަޝްހޫރުވެފައިވާ ރައީސް ލީ ޓެންގް-ހުއި، ވެރިކަން ހިންގުމުގެ ނިޒާމަށް ދުސްތޫރީ ބަދަލުތައް ގެނެސް، 2000ވަނަ އަހަރު އެ ރަށުގައި ކޭއެމްޓީއަށް ނިސްބަތް ނުވާ ފުރަތަމަ ރައީސް ޗެން ޝޫ-ބިއަން އިންތިޚާބު ވެވަޑައިގެންނެވިއެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްތަ؟

ބެއިޖިންއިން ބުނަމުން ދަނީ ޗައިނާއަކީ އެއް ޤައުމެއް ކަމަށާއި ޓައިވާނަކީ އޭގެ ބައެއް ކަމަށެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)ގެ ސަރުކާރަކީ ޗައިނާގެ ހަމައެކަނި ޤާނޫނީ ސަރުކާރެއްގެ ގޮތުގައި އެ ފަރާތުން ދެކޭއިރު، މިއީ ވަން-ޗައިނާ ޕްރިންސިޕަލްގެ ނަމުން ނަން ދެވިފައިވާ، އަދި ޓައިވާންގެ މައި ބިމާ އެކު "އެއްބައިވަންތަ" ވުމަށް މަސައްކަތް ކުރާ ސަރުކާރެކެވެ.

ޓައިވާން ސްޓްރެޓްގެ ނަމުން ޓައިވާންއިން ބޯޑަރެއްވަނީ ހަދާފައި | މި ބޯޑަރު ހުރަސް ކުރަން ޗައިނާއަށް ހުއްދައެއް ނުދޭ

އެންމެ ފުރަތަމަ، އެމެރިކާ ވެސް ހިމެނޭ ގޮތަށް ގިނަ ސަރުކާރުތަކުން ޓައިވާން ވަނީ ޤައުމެއްގެ ގޮތުގައި ބަލައިގެންފައެވެ. ނަމަވެސް ޗައިނާގެ ބާރު ގަދަވެ، 1970ގެ އަހަރުތަކުގެ ތެރޭގައި ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ކުރިއެރުވުމުގެ ބޭނުންތެރިކަން ބޮޑުކަމަށް އެމެރިކާއާއި އެހެން ބައެއް ގައުމުތަކުން ދުށުމުގެ ނަތީޖާއެއްގެ ގޮތުން، ބެއިޖިންގެ ހައްގުގައި ޓައިޕޭއާ އޮންނަ ގުޅުން ވަނީ ކަނޑައިލައިފައެވެ. އަދި އެއީ ޤައުމެއްގެ ގޮތުގައި ބަލައި ނުގަންނަން ވަނީ ނިންމައިފައެވެ.

ބެއިޖިންއާ އެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން އެމެރިކާއިން ޤާއިމްކޮށްފައި ވަނީ 1979ވަނަ އަހަރު ރައީސް ޖިމީ ކާޓަރގެ ޒަޢާމަތުގައެވެ. އަދި އެ އަހަރު އެމެރިކާއިން ޓައިވާނާ ގުޅުން ކަނޑައިލައި ޓައިޕޭ އެމްބަސީ ބަންދުކުރިއެވެ.

އެކަމަކު ހަމަ އެ އަހަރު ޓައިވާން ރިލޭޝަންސް އެކްޓްގެ ނަމުގައި މުއާހަދާއެއް ފާސްކޮށް، އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކޭ ގޮތް ހެދިއެވެ. ތައިޕޭގައި ނުރަސްމީ ގޮތެއްގައި އެމެރިކާއިން ހަރަކާތްތެރި ވަނީ ޓައިވާންގެ އެމެރިކަން އިންސްޓިޓިއުޓް މެދުވެރިކޮށެވެ.

"އެއް ގައުމެއް، ދެ ނިޒާމެއް"

ޗައިނާއާއި ޓައިވާނާ ދެމެދު އޮތް ގުޅުން ރަނގަޅުވާން ފަށައިފައި ވަނީ 1980ގެ އަހަރުތަކުގައެވެ. ޗައިނާއިން "އެއް ގައުމެއް، ދެ ނިޒާމެއް"ގެ ދަށުން ޓައިވާނަށް ޗައިނާއާ ގުޅެން ފުރުސަތު ދިނެއެވެ. ހޮންގްކޮންގްގައި މި ނިޒާމު ޤާއިމުކުރީ ޓައިވާނުގެ ރައްޔިތުން އަލުން މައި ރަށަށް ދިއުމަށް ދަޅަ ދެއްކުމުގެ ގޮތުން ކަމަށް މާހިރުން ޤަބޫލު ކުރެއެވެ.

އޭގެ ދަށުން ޗައިނާގެ އެއްބައިވަންތަކަން ބަލައިގެންފި ނަމަ ޓައިވާނަށް ބޮޑު މިނިވަންކަމެއް ލިބޭނެއެވެ. ޓައިވާނުން އެ ހުށަހެޅުމަށް ދެކޮޅު ހެދި ނަމަވެސް، ޗައިނާއަށް ކުރާ ދަތުރުތަކާއި، އިންވެސްޓްކުރުމާ ބެހޭ އުސޫލަށް ލުޔެއް ދިނެވެ. އަދި 1991ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއާ އެކު ކުރެވުނު ހަނގުރާމަ ވެސް ނިމުނީ ކަމަށް ޓައިވާނުން އިއުލާން ކުރިއެވެ.

ޓައިވާނާއި ޗައިނާގެ ގުޅުން ދެން ގޯސްވީ، 2000 ވަނަ އަހަރުއެވެ. އެ އަހަރު ރައީސް ކަމަށް އިންތިޚާބުވި، ކޭއެމްޓީއަށް ނިސްބަތް ނުވާ ޓައިވާންގެ ފުރަތަމަ ރައީސް ޗެން ޝޫ-ބިއަން ފާޅުގައި ޓައިވާންގެ މިނިވަންކަމަށް ގޮވައިލެއްވިއެވެ.

ޗެން 2004ވަނަ އަހަރު އަލުން އިންތިޚާބުވެވަޑައިގެންނެވިތާ އެއް އަހަރު ފަހުން، ޗައިނާއިން ވަނީ ޓައިވާނާ ދެކޮޅަށް "ސުލްހަވެރި ނޫން ވަސީލަތްތައް" ބޭނުންކުރުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށް ބުނެ، ގާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫން ފާސްކުރީ ޓައިވާނުން ވަކިވެ ގަންނަނީ ކަމަށް ބުނެއެވެ.

ޗެންއަށް ފަހު ވެރިކަމާ ދެން ހަވާލުވެ ވަޑައިގަތީ، މަ ޔިންގް-ޖެއޫ. 2008ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިޤްތިޞާދީ އެއްބަސްވުންތަކެއްގެ ތެރެއިން ޗައިނާއާ އެކު އޮންނަ ގުޅުން ރަނގަޅުކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

އޭގެ އަށް އަހަރު ފަހުން 2016ވަނަ އަހަރު ޓައިވާންގެ މިހާރުގެ ރައީސް އިންތިޚާބުވިއެވެ. އެކަމަނާއަކީ ޗައިނާގެ ކިބައިން ރަސްމީ ގޮތުން މިނިވަންކަން ލިބުމަށް މަސައްކަތް ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ލީޑަރެވެ.

ޓްސައި އިންގް-ވެން | އޭނާދަނީ ޓައިވާންގެ މިނިވަންކަމަށް ވަކާލާތު ކުރައްވަމުން

ފަހުގެ ތާރީޚްގައި އެމެރިކާއާއި ޓައިވާނުގެ ގުޅުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާއިން ޓައިވާނާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރީ ޗައިނާގެ ދެކޮޅުހެދުންތަކާ ގުޅިގެންނެވެ. އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ޓްސައިއާ ފޯނުން ގުޅުއްވައި ޓްރަމްޕް ވާހަކަފުޅު ދެއްކެވިއިރު، މިއީ 1979ވަނަ އަހަރުގެ ފަހުން ދެފަރާތުގެ ދެމެދުގައި އެންމެ މަތީ ފެންވަރުގެ މުއާމަލާތްތައް ކުރެވުނު ފަހަރެވެ. އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ޓައިޕޭއަށް ފޮނުއްވައިފައެވެ.

ޖޯ ބައިޑަންގެ ސަރުކާރުން ވެސް މިފަދަ ވިސްނުމެއް ގެންގުޅެމުންދާ ކަމަށް ބެލެވޭއިރު، ބައިޑަންއަކީ، ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޓައިވާންގެ މަންދޫބުންނަށް ދައުވަތު އެރުވި އެމެރިކާގެ ފުރަތަމަ ރައީސް ވެސް މެއެވެ.

ބޮޑު ހަނގުރާމައެއް ފެށިދާނެތަ؟

ޓައިވާނަކީ ވަކި ޕްރޮވިންސެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، އެ ޕްރޮވިންސް ބާރުގެ ބޭނުންކޮށްގެން އަލުން ހިފާނެ ކަމަށް ޗައިނާއިން ވަނީ ވައުދުވެފައެވެ. ނަމަވެސް ޓައިވާންގެ ލީޑަރުން ވިދާޅުވަނީ އެކަން ކޮށް ފިނަމަ އެކަން ވެގެންދާނީ އިސްތިއުމާރަކަށް ކަމަށެވެ. އަދި ޓައިވާނަކީ ޕްރޮވިންސަކަށް ވުރެ މާ ސާފުކޮށް ބާރުތަކެއް ލިބިފައި އޮތް ވަކި ދައުލަތެއް ކަމަށް ޓައިވާނުން ދައުވާކުރެއެވެ. ޓައިވާނުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރެވިފައިވާ ލީޑަރުންނާއި، ގާތްގަނޑަކަށް 300،000 އެއްހައި ސިފައިން ހަރަކާތްތެރިވާ އަސްކަރިއްޔާއެއް އޮވެއެވެ.

1949ވަނަ އަހަރު މައި ބިމުން ޓައިވާނަށް ފިލައިގެން ދިޔަ ޗިއަންގް ކައި-ޝެކްގެ ރިޕަބްލިކް އޮފް ޗައިނާ (އާރްއޯސީ)ގެ ސަރުކާރުން އެންމެ ފުރަތަމަ ދަޢުވާކުރީ މުޅި ޗައިނާ ތަމްސީލު ކުރުމަށެވެ. އެއީ އަލުން އިސްތިޢުމާރުކުރުމުގެ މަޤްޞަދުގައި ކުރި ކަމެކެވެ. އެހެން ނަމަވެސް ޗައިނާގެ ބާރު ފުޅާވުމާ ގުޅިގެން، ހުޅަނގުގެ ޤައުމުތަކުން ނިންމީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)އާ އެކު ބައިއަތު ހިފާށެވެ.

ޗައިނާގެ އަސްކަރީ ޤާބިލުކަމާއި ހަރުދަނާކަން އިތުރުވަމުން އަންނަ މިންވަރާއި، އެމެރިކާ އަދި ޗައިނާގެ ގުޅުން ހީނަރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ބޮޑުވަމުންދާތީ މަޝްރަޙް ދިރާސާ ކުރައްވާ އިސް ތަޖުރިބާކާރުންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ސަބަބަކީ، ޓައިވާނުގެ "އެއްބައިވަންތަކަން" ހާސިލްކުރުމަށް ބާރުގެ ބޭނުންކުރުމާ މެދު ޗައިނާއިން ފަސް ނުޖެހުމާއި ޗައިނާއިން ހަމަލާދީފި ނަމަ ޓައިވާންގެ ދިފާއުގައި އެމެރިކާއިން ނިކުތުމެވެ. މިފަދަ ކުރިމަތިލުމެއް ހިނގައިފި ނަމަ މުޅި ދުނިޔެ ބޮޑު ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!