ޝައިހާގެ މަރު: ޒުވާން ޙަޔާތެއްގެ ކުއްލި އަލްވަދާޢު
ދަރިންނަކީ މާތް ﷲ ދެއްވާ ނިޢުމަތެކެވެ. މި ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ، އެއީ ނިޢުމަތެއްކަމުގައި ވިޔަސް އަދި މުޞީބާތެއް ކަމުގައި ވިޔަސް، އެކަމުގައި އެކުލެވިގެންވާ އެންމެ އާންމު ޙިކުމަތަކީ، އެއީ އިމްތިޙާނެއް ކަމެވެ. އެގޮތުން ދަރިންގެ ނިޢުމަތަކީ ވެސް އިމްތިޙާނެއް ކަމާ މެދު ޝައްކެއްނެތެވެ. ރަނގަޅު ސިއްޙަތެއްގައި ދަރިފުޅު ހުރުމަކީ ކޮންމެ މަޔަކު ވެސް އަދި ބަފަޔަކު ވެސް އެންމެ ބޭނުންވާނެ ކަމެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ނެތް ނަމަވެސް އެކަމަށް ޝުކުުރުވެރި ވާން ޖެހެއެވެ. މާތް ﷲގެ ޙަޟްރަތަށް އަބަދުމެ ޙަމްދުކޮށް ޝިފާ ލިބުން އެދި ދުޢާ ކުރުން މަތީ ދެމިތިބެން ޖެހެއެވެ.
މިއަދު މުޅި ގައުމު ސިއްސުވައިލީ އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެއްގެ މަރުގެ އަޑާއެކުއެވެ. ގދ. ތިނަދޫއަށް އުފަން އާމިނަތު ޝައިހާ ޝަހީދު ނިޔާވީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލު ސީރިއަސް ވެ ރޭ ފަތިހުގެ ވަގުތެއްގައެވެ. ޝައިހާގެ އާއިލާގެ ފަރާތުން ”ދެން“އަށް މަޢުލޫމާތު ދިން މީހަކު ބުނީ ޝައިހާ އަކީ ދާއިމީކޮށް އެއްވެސް ބައްޔަކަށް ބޭސް ކުރަމުން އައި ކުއްޖެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ބަލި ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާނީ ވެސް އެންމެ ފަހަރަކު ކަމަށާއި އެއީ ޑެންގޫ ހުން ޖެހިގެން ޝައިހާގެ އުމުރުން 5 އަހަރުގައި ކަމަށެވެ.
އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ޓޮންސިލް ދުޅަ ވެގެން
އޭނާ ބުނީ މި މަހުގެ 9 ވަނަ ދުވަހު ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޝައިހާގެ ޓޮންސިލް ދުޅަ ވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ބޭސް ދީ, އެންޓިބައިޓިކް ނަގައިގެން ޝައިހާގެ ޓޮންސިލް ރަނގަޅުވާން ފެށި ކަމަށް ބުންޏެވެ. އޭގެ ފަހުން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ހުން އައިސް އަނެއްކާ ވެސް ޓޮންސިލް ދުޅަވެ ހޮޑު ލާން ވެސް ފެށި ކަމަށާއި ހޮޑު ލާ އިރު ލޭ ހުރުމުން ހަމަ އެ ދުވަހު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ
”އެންމެ ފުރަތަމަ މި މަހުގެ 9 ވަނަ ދުވަހު ކޮންސަލްޓް ކުރީ ޓޮންސިލް ދުޅަވެގެން. އޭރު އެޔަށް ބޭސް ދީފަ އެންޓިބައޮޓިކް ނަގައިގެން އިމްޕްރޫވް ވެސް ވި. ފަހުން އަނެއްކާ 15ވަނަ ދުވަހުން ފެށިގެން ހުން އައިސް އަނެއްކާ ޓޮންސިލް ދުޅަވާން ފެށީ. ހޮޑުވެސް ލާން ފެށި. ހޮޑު ލާ އިރު ލޭ ހުރޭ. އެއްވެސް ވަރަކަށް ނުކެވޭ. އެހިސާބުން އަނެއްކާ ހޮސްޕިޓަލަށް ގެންދިޔައީ ހަމަ އެދުވަހު“ ޝައިހާގެ އާއިލާގެ ފަރާތުން މަޢުލޫމާތު ދިނެވެ.
އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން އެނގުނީ ލޭގެ ބައެއް މާއްދާތައް ދަށްކަމަށް
އޭނާ ކިޔައިދިން ގޮތުގައި އެދުވަހު ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދި ކަމަށެވެ. އެ ޓެސްޓުތަކުން ވެސް ކެންސަރުގެ ނިޝާނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ލޭގެ ބައެއް މާއްދާތައް ދަށް ކަމަށާއި ވަރަށް ބޮޑަށް އިންފެކްޓްވެފައި ހުރި ކަމަށް ޓެސްޓުތަކުގެ ނަތީޖާއިން ދެއްކިއެވެ. އެހެންކަމުން އޭރު ހީކުރީ އެހާ ބޮޑަށް އިންފެކްޓްވެފައި ހުރުމުން ހުރުމުން ލޭގެ މާއްދާތައް ދަށްވީކަމަށް އޭނާ ބުންޏެވެ.
ގިނަ ބައެއްގެ އެހީތެރިކަން ލިބުނު
ލޭގެ މާއްދާތައް ދަށްކަން އެނގުނު ހިސާބުން ލޭ ހޯދަން މަސައްކަތް ފެށުނު ކަމަށާއި ރަށުން ލޭ ހަމަނުވެގެން މާލެއިން 1 ޕޮއިންޓު ލޭ ރަށަށް ފޮނުވައިގެން ލޭ އެޅިކަމަށް އޭނާ ބުންޏެވެ. އަދި ތިނަދޫން ވެސއ ގިނަ ބަޔަކު ލޭ ދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. ޝައިހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިހާ ތައުލީމު ހާސިލްކުރަމުން ދިޔަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުންނާއި, އަމިއްލަ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިންތައް އެ ރަށުގައި ކުރިޔަށް ގެންގޮސްފައެވެ.
ލޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނު ހިސާބު
ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަނިކޮށް ހާލު ދެރަވެގެން މި މަހުގެ 16ވަނަ ދުވަހު ޝައިހާ އައި.ސީ.ޔޫއަށް ބަދަލު ކުރެވުނެވެ. އޭގެ އަނެއް ދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ޝައިހާ އެޑްމިޓް ކުރިއެވެ. އަދި އޭގެ ފަހުން މި މަހުގެ 18ވަނަ ދުވަހު ހެދި ލޭގެ ޓެސްޓުތަކުން ކެންސަރުކަމަށް ލަފާކުރެވޭ ސެލްތަކެއް ފެނުނެވެ.
”އޭރު ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން އެނގުނީ ލޭގެ ބައެއް މާއްދާތައް ދަށްކަން. އިންފެކްޝަން ވެސް ވަރަށް ބޮޑަށް ހުރިކަމަށް ދެއްކި. އެެހެންވެ ބެލެވުނީ އިންފެކްޝަންއާ ހެދި އެ މާއްދާތައް ދަށްވީ ކަމަށް. ލޭގެ އެމާއްދާތައް ދަށްކޮށް ހުރުމާ އެއްކޮށް މާލެ ގެނެސްފައި ހެދި ލޭގެ ޓެސްޓަކުން ކެންސަރުކަމަށް ލަފާ ކުރެވޭ ސެލްތަކެއް ފެނުނީ. އެއީ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު“ ޝައިހާގެ އާއިލާއިން މަޢުލޫމާތު ދިނެވެ.
އިތުރު ފަރުވާއަށް އިންޑިއާއަށް
އާއިލާއިން ދެން މަސައްކަތް ކުރީ ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންގޮސްގެން ޝައިހާގެ ފަރުވާ ފަށާށެވެ. އެގޮތުން މި މަހުގެ 22ވަނަ ދުވަހު ޝައިހާ އިންޑިއާއަށް އިތުރު ފަރުވާއަށް ގެންދިޔައެވެ. އަދި 23ވަނަ ދުވަހު ކީމޯ ދޭން ފެށި ކަމަށާއި އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ފެށި ހިސާބުން ކުރިއަށް އޮތް 48 ގަޑިއިރާއި 72 ގަޑިއިރަކީ ވަރަށް ކްރިޓިކަލް ވަގުތުކޮޅެއް ކަމަށް ޑޮކްޓަރުން އާއިލާއަށް މަޢުލޫމާތު ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ޝައިހާގެ މަރުގެ ޚަބަރު އާއިލާއާ ޑޮކްޓަރު ހިއްސާކުރީ ރޭ ފަތިހު 3:30 ހާއިރު ކަމަށް އާއިލާއިން ބުންޏެވެ.
ޝައިހާގެ ހަށިގަނޑު މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ގެނެވުނު ހާ އަވަހަކަށް ޖަނާޒާގެ ކަންކަން ހަމަޖައްސައި އެކަން އިއުލާންކުރާނެ ކަމަށާއި ޝައިހާގެ ޖަނާޒާގައި ވީހައި ވެސް ގިނަ މީހުން ބައިވެރިވެ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް އެ އާއިލާއިން ވަނީ އެދިފައެވެ. އަދި އެކި ގޮތްގޮތުން ޝައިހާގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވެސް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާއިލާއިން ވަނީ ހާލަތު މިގޮތަށް ބަދަލުވުމާ ގުޅިގެން ޝައިހާގެ ފަރުވާއަށް މާލީ އެހީ ހޯދުމަށް އެދި ކޮށްފައިވާ ޕޯސްޓުތައް ޑިލިޓް ކޮށްދެއްވުމަށް އެދިފައެވެ. އަދި އެހީއަށް އެދި އާއިލާއިން އާންމު ކުުރި ފޮޓޯވެސް ދެން މީޑިއާތަކުގައި ނުފެތުރުމަށް އާއިލާއިން ވަނީ އެދިފައެވެ. މީގެ އިތުރުން ޝައިހާގެ ފޮޓޯތައް އާންމު ނުކުރުމަށް އާއިލާއިން ވަނީ އާންމުންގެ ކިބައިން ވަރަށް ބޮޑަށް އެދިފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.