އޭޝިއާ

10 އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ އަދަބު ލުއިކޮށްދިނުމުން ހައިކޯޓް ހޫނު ފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގައި 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް، އިންޑިއާގެ އަލާހަބާދުގެ ހައި ކޯޓުން ކުޑަ ކޮށްދިނުމުން، ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި އޭނާގެ މައްޗަށްކޮށްފައި ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، ދިހަ އަހަރުގެ ހުކުމް ހަތް އަހަރަށް ބަދަލުކޮށް މިއަދު ވަނީ ހުކުމްކޮށްފައެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މި މައްސަލަ ހިނގައިފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ ފިރިހެން މީހާ ވަނީ އެކުއްޖާގެ ގެއަށް ގޮސް އެކުއްޖާ ގޮވައިގެން ފައްޅިއަކަށް ގޮސް ގަދަކަމުން ޖިންސީ ގޯނާކޮށްފައެވެ. އަދި އެ ވާހަކަ ސިއްރު ކުރުމަށް 20 ރުޕީސް ދީ، އެކަން ރިޕޯޓްކޮށްފި ނަމަ މަރައިލާނެކަމުގެ އިންޒާރު ދީފައެވެ.

މިދިޔަ ހަފްތާގައި މިމައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، އިސްތިއުނާފް މަރުހަލާ ނިންމައިލަމުން ފަނޑިޔާރުން ބުނެފައި ވަނީ، މައްސަލައިގެ އަސްލަށް ވުރެ މައްސަލަ ބޮޑުކޮށްފައިވާ ކަމަށާއި ހުކުމްކޮށްފައި ވަނީ ވެސް މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، މާ ހަރުކަށިކޮށް ކަމަށެވެ. މިމައްސަލައިގައި ކުށަށް އޭނާ އިއުތިރާފް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގައި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް އިންތިހާ ބޮޑުވެފައިވާތީ، މިކުށް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް، ޖިންސީ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ ޤާނޫނެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި، މި މިހާގެ ބަންދު މުއްދަތު ކުޑަކޮށްދިނުމުން ގިނަ ބައެއްގެ ނުރުހުން ކޯޓަށް ވަނީ އަމާޒުވެފައެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ޤައުމަކީ އިންޑިއާކަމަށް ދިރާސާތަކުން ދައްކައެވެ. ކޮންމެ އަހަރަކު ޖިންސީ ގޯނާގެ އެތައް ހާސް މައްސަލައެއް އިންޑިއާގައި ރިޕޯޓް ކުރާއިރު، ރިޕޯޓް ނުކުރެވި އެތައް މައްސަލައެއް ހުންނާނެ ކަމަށް މިކަން ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. މިދިޔަ އަހަރު ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު 43،000 ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ކޮންމެ 12 މިނެޓަކުން މައްސަލައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!