ރިނބުދޫ ކައުންސިލުން ރައްޔިތުންނަށް ދިން "ހިތް ފަސޭހަ ހިޔާ" ވަރަށް ހިތް ފަސޭހަ!
ދ. ރިނބުދޫ ކައުންސިލުން ރައްޔިތުންނަށް "ހިތްފަސޭހަ ހިޔާ"ގެ ނަމުގައި މައިޒާނެއް ހަދިޔާ ކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް ވިދާޅުވީ "ހިތްފަސޭހަ ހިޔާ" ހެދުމަށް ކައުންސިލުން ނިންމީ ސުކޫލު ކައިރިއަށް އައިސް ތިބޭ ކުދިންނަށް ހާއްސަކޮށް ކަމަށާއި އެހެން ނަމަވެސް މިއީ ހުރިހާ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ހަދައިފައިވާ މައިޒާނެއް ކަމަށެވެ.
"ސުކޫލު ދަރިވަރުންނަށް ވަރަށް ދަތިވޭ އެތަން ކުރިން އޮންނަ ގޮތުން. އަތްވާއި ވާރެއާއި މިފަދަ ކަންކަން. އަޅުގަނޑުމެން މެމްބަރުކަމުގެ ހުވާ ކުރީ މެއި މަހުގައި ، ޖޫން މަހުގެ މެދު ތެރޭގައި މި މަސައްކަތް ފެށުނީ. ރޭގަ މި ހުޅުވުނީ." އިގްބާލް ވިދާޅުވިއެވެ.
އިގްބާލް ވިދާޅުވީ މަސައްކަތް ނުނިމި ލަސްވީ އެތަނަކީ ކުރިން އާއްމު ފެން ތާންގީތައް ބަހައްޓައިފައި ހުރިތަނަކަށް ވުމުންނާއި އެ ތަނަކީ ކުރީގެ މިސްކިތަކަށްވުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެތާހުރި ފެންތާންގީ ބަރިން އެއް ބަރި ނަގައި ކުރީގެ ގަބުރުސްތާނަކަށް ވުމުން ކޮނެ ކަށިތައް ނަގަން ޖެހުމުން ގިނަ ދުވަސްވީ ކަމަށެވެ.
"ހިޔާ ގަނޑެއްގެ އިތުރަށް މަޑުކޮށްލާނެ މައިޒާނެއް ހިމެނޭ ގޮތަށް މި ހެދީ. ސުކޫލުގެ ބޭރު މަގުގެ އަނެއް ފަރާތުގައި ހެދީ ، އޭރުން އާއްމުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް." އޭނާ ވިދާޅުވިއެވެ.
އިގްބާލު ވިދާޅުވީ އެތަން ހެދުމަށް ފަންޑު ހޯދީ ކައުންސިލުން ކަމަށާއި އެތަނުގެ މަސައްކަތް ކުރީ ރައްޔިތުން ހިލޭ ސާބަހަށް ކަމަށެވެ. އެގޮތުން ކައުންސިލްގެ ބަޖެޓާއި އިތުރު ފަރާތްތަކުގެ އެހީ ވެސް އެ ތަން ހެދުމަށް ލިބިފައިވާކަމަށް އިގްބާލް ވިދާޅުވިއެވެ.
"ތަން ހެދުމަށް ބޮޑަށް ބޭނުން ކުރީ ކައުންސިލްގެ ފަނޑުން ،ދެން ބައެއް ފަރާތްތަކުން ވަނީ އެހީ ދީފައި. ތަނުގެ މަސައްކަތް ކުރީ ރައްޔިތުން ހިލޭ ސާބަހަށް. ކައުންސިލުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ފަންޑު ދިން ފަރާތްތަކާއި މަސައްކަތްކޮށް ދެއްވި ފަަރާތްތަކަށް" އިގްބާލް ވިދާޅުވިއެވެ.
"ހިތްފަސޭހަ ހިޔާ"އާ އެކު ރައްޔިތުން ތިބި ވަރަށް އުފަލުން ކަމަށާއި އެ މަސައްކަތް ،ރައްޔިތުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާކަމަށް އިގްބާލް ވިދާޅުވިއެވެ.
ތިޔަ މަގުންވެސް ދެން ނުހިނގާނަން