ދ. ރިނބިދޫއަށް ހާއްސަ ރަންރިހީގެ އަތްތެރި މަސައްކަތް ކުރިއެރުވުމަށް ޓަކައި، އެ ރަށުގައި އެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން އިއުލާންކުރެއްވީ ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ރިނބިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތު އިއާދަކޮށް ކުރިއަރުވައި އާލާކުރުމުގެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ދިވެހި އައިޑެންޑީ ހިމާޔަތް ކުރުމުގެ ގޮތުން ދިވެހިންގެ ވިސްނުމާއި އުޅުމާއި ގުޅުމާއި މަސައްކަތްތަކާއި އެހެނިހެން ވެސް ކަންކަން ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މުޅި ރާއްޖޭން ވެސް ރިނބިދޫއަށް ހާއްސަ ކަމެއް ކަމުގައިވާ ރަންރިހީގެ އަތްތެރި މަސައްކަތް ކުރިއަރުވަން ސަރުކާރުގެ ތެރެއިން ހާއްސަ ސަމާލު ކަމެއް ދީގެން ނިޒާމެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަންރިހީގެ އަތްތެރީގެ މަސައްކަތަކީ ރާއްޖޭގައި މި ރަށުގައި އެންމެ ބޮޑަށް ރާއްޖޭގެ އެހެން ރަށްތަކަށް ބަލާއިރު، މާ ބޮޑަށް ވެސް މި ރަށަށް ހާއްސަ ކަމެއް. މި ރަށު ރައްޔިތުން މާލޭގައި އުޅުނަސް އެހެން ތަނެއްގައި އުޅުނަސް މި ރަށުގެ ރައްޔިތުން ކުރާ ކަމެއް،"
ރަންރިހީގެ އަތްތެރިކަމުގެ މަސައްކަތް ކުރާ މީހުންގެ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިނބިދޫގައި ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާ ސެޓްފިކެޓް ލިބޭ ގޮތަށް އެ މަސައްކަތް ދަސްކޮށްދޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި އެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާނީ ރަށުގައި ތިބެ، "ފިޒިކަލީ" އެ މަސައްކަތް ކުރެވޭނެ ގޮތަށް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މި ނިޒާމު ގާއިމުކުރެވުމާ އެކު މަސައްކަތް ދަސްކޮށްދޭން ނަގާނީ އަތްތެރި މަސައްކަތުގައި "އެކްސްޕާޓް ނޮލެޖް" ހުރި އެ ރަށު ރައްޔިތުންގެ ތެރެއިން ރައްޔިތުން ކަމަށެވެ. މަސައްކަތް ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން ހިމާޔަތް ކުރުމުގައި މަސައްކަތްކުރާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ނިޒާމު ނުވަތަ މަރުކަޒު ގާއިމުކުރެވިގެން ދިއުމާއެކު ރަށުގެ އިގުތިސޯދަށް ފައިދާތައް ކުރާނެ ކަމަށެވެ.
މި މަޝްރޫއު އާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް މި ކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރެވި، ކުރިއަރައިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.