ކުޅުދުއްފުށީ ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކުޅުދުއްފުށި ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައި ވަނީ އެ ރަށުގައި ހުންނަ “މެސްކޮޓް ގަރާޖް"ގައި ކަމަށެވެ. ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައިވަނީ ރޭ 02:48 ހައިއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މިގޮތުން ފަޔަރަފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވައިލައިފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހައިއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހައި ދުންގަނޑު ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ބޮޑެތި ގެއްލުންތަކެއް މިބިފައެވެ.