ޚަބަރު

ރައީސް ޞާލިޙް ރެހެންދި ފްލެޓުން 38 މިލިޔަން ގެންދިޔަ ކަމަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގައިފައިވާ ޚިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލަ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެވޭ ވާހަކަތައް ބެލެން ޖެހޭނެ ކަމަށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"މަރުޙަބާ ރައީސް ޔާމީން"ގެ ނަމުގައި މިރޭ އިދިކޮޅުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ޞާލިޙަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުން ފައިސާ ލިބިވަޑައިގެންނެވި ކަމަށް، ރައީސް ޞާލިޙްގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ވިދާޅުވުން ތަޙްޤީޤް ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މިނިސްޓަރު ކަމުން ވަކިކުރެއްވުމުން، މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި، އަލީ ވަހީދު މީގެ ދެ މަހެއްހައި ދުވަސް ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިޙް ކަޅު ދަބަހެއްގައި 38 މިލިޔަން ރުފިޔާ ރެހެންދި ފްލެޓުންގެންދެވި ކަމަށް ވިދާޅުވިއެވެ. އަދި އެކަން ހިނގީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު ރައީސް ޞާލިޙް ހުންނެވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި އޭރު އަލީ ވަޙީދު ވިދާޅުވިއެވެ. އަލީ ވަޙީދު ވިދާޅުވީ، އެކަން ހިނގިކަމުގެ ހެއްކެއްގެ ގޮތުން ސީސީޓީވީ ފްޓޭޖް ހުންނާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ބައިވެރިވެފައި..ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައީސް ޔާމީން ވިދާޅުވީ، މިކަން ތަޙްޤީޤް ކުރަން ޖެހޭ ކަމަށެވެ. ޕޮލިސް ކޮމިޝަނަރަކަށް އާއިލީ ބޭފުޅަކު ހުންނަވައި އަދި ސަރުކާރުގެ ޕްރޮސެކިއުޓާ ޖެނެރަލަކު ހުންނަވައިގެން އެމައްސަލަ ކުރިޔަށްދާނީ ކިހިނެތްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ވިދާޅުވީ، ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް މިހައި ބޮޑު ތުހުމަތެއް ކުރެވޭއިރު، އެކަން މިނިވަން ކަމާއެކު، ތަޙްޤީޤު ކުރެވެން ޖެހޭ ކަމަށެވެ. އަދި އެކަން ބެއްލެވުމަށް އެންގެވުމުގެ ހިތްވަރު ރައީސް ޞާލިޙްގެ ކިބައިގައި ހުންނަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައްޔިތުން ކުރިމަތީ ވިދާޅުވެ ބައްލަވާ, ތިމަންނާ ރެހެންދި ފްލެޓަކުން 35 މިލިއަން ރުފިޔާ ހިފައިގެން ނުނިކުންނަމޭ. ވިދާޅުވެ ބައްލަވާ. އެތައް ބަޔަކު އެ ވާހަކަ އެ ދައްކަނީ." ރައީސް ޔާމީން ވިދާޅުވީ އެކަން ނުކުރައްވަމޭ އާއްމުކޮށް ވިދާޅުވެ، ޒީރޯ ޓޮލޮރެންސްގެ ދަށުން އެކަން ބައްލަވަން ރައީސް ޞާލިޙް އަންގަވަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައި އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަން ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ވަލިއްޔުލް އަމްރަކަށް ހުންނަ މީހެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވިއްޖެ ކަމަށް ވަންޏާ އެކަމުން އެބަޖެހޭ ރައްޔިތުންނަށް ތަސައްލީއެއް ދޭން. މިއީ އެންމެ ރީތި ނަމޫނާ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!