ދުނިޔެ

އިންޑިއާގެ އަސްކަރިއްޔާއަށް "އޮޅިގެން" 13 އާއްމުން ގަޔަށް ބަޑި ޖަހައި މަރައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަނގުރާމަވެރިންތަކެއްކަމަށް ހީކޮށް "އޮޅިގެން" އިންޑިއާގެ ސިފައިން އާންމުންގެ 13 މީހެއްގެ ގަޔަށް ބަޑިޖަހައި މަރައިލައިފިއެވެ.

Ads by Sosun Fihaara

މިކަން ހިނގައިފައި ވަނީ އިންޑިއާގެ ނާގަލޭންޑް ސްޓޭޓުގައެވެ.

މިޔަންމާއާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ނާގަލޭންޑްގައި އާއްމު މީހުންގެ ގަޔަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ހޮނިހިރު ދުވަހުގެ ރޭ ފަތިހު ބަޑި ޖަހައިފައި ވަނީ، އިންޓެލިޖެންސަށް ނުބައި މައުލޫމާތެއް ލިބުމުންނެވެ.

"އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް އޮޕަރޭޝަނެއް ހިންގަން ރާވައިފައި އޮތީ." އާދީއްތަ ދުވަހު އިންޑިއާއިން އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. "މި ހާދިސާއާއި އޭގެ ފަހުން ދިމާވި ކަންކަމާ މެދު ވަރަށް ބޮޑަށް ހިތާމަކުރަން. ގާނޫނީ ހަމަތަކުގެ މަތިން އެންމެ މަތީ ލެވެލްއާއި އެކަށީގެންވާ ފިޔަވަޅު އަޅާނެ."

ނާގަލޭންޑްގެ ފުލުސް އޮފިސަރު ސަންދީޕް އެމް ޓަމްގަދްގޭ ވިދާޅުވީ "މުޅި ޑިސްޓްރިކްޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ހަލަބޮލިކޮށް" ކަމަށާއި 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިފައި ވަނީ އިންޑިއާގެ ސަލާމަތީ ބާރުތަކުން ނާގަލޭންޑް ސްޓޭޓުގައި ރެކްރޫޓްކޮށްފައިވާ އައްސާމް ރައިފަލްސް ނަމަކަށް ކިޔާ އަސްކަރިއްޔާގެ ވިންގެއްގެ މެމްބަރުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސްއާއި އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ކަން ހިނގޮތް އެނގޭ ފަރާތަކުން ބުނީ، 30 ނުވަތަ އެއަށް ވުރެ ގިނަ ކޯލް މައިން މަސައްކަތްތެރިން ގޮވައިގެން ދަތުރުކުރި ޓްރަކެއް އައްސާމް ރައިފަލްސް ކޭމްޕް ސަރަހައްދު ފާސްކުރަމުން ދަނިކޮށް، ބަޑީގެ ހަމަލާތައް ދޭން ފެށި ކަމަށެވެ.

"ޓްރޫޕަރުންނަށް އެ ސަރަހައްދުގައި ހަނގުރާމަވެރިންގެ ބައެއް ހަރަކާތާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ލިބިފައި އެބަހުރި،  ކޯލް މައިންގައި މަސައްކަތް ކުރާ މީހުން ގޮވައިގެން ދިޔަ ޓްރަކް ފެނުމުން އެމީހުން ވަނީ އެއީ ހަނގުރާމަވެރިން ކަމަށް ހީކޮށް ހަ މީހަކު މަރައިލައިފައި" އޭނާ ކިޔައިދިނެވެ.

"އެ ވިލެޖުގައި ބަޑި ޖަހާ އަވަށު ބަޔަކު މަރާލި ކަމުގެ ޚަބަރު ފެތުރުމާ އެކު، އެތައް ސަތޭކަ މީހުން ވަނީ އަސްކަރިއްޔާގެ ކޭމްޕް ވަށައިލައިފައި. އެމީހުން ވަނީ އައްސާމް ރައިފަލްސްގެ ވެހިކަލްތަކުގައި ރޯކޮށް، ހަތިޔާރު ބޭނުންކޮށްގެން ޓްރޫޕަރުންނާ ކުރިމަތިލައިފައި،"

އައްސާމް ރައިފަލްސްގެ މެމްބަރުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާގައި އިތުރު 8 އާންމުންނާއި، ސަލާމަތީ މެމްބަރަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު އެ ސްޓޭޓްގައި މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކުދަނީ މުޒާހަރާ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!