ޚަބަރު

1700 ހައުސިންގ ޔުނިޓު އެޅުމަށް ދޭން އެއްބަސްވި ލޯނު ނުދޭން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
1700 ހައުސިންގް ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އަވަސް

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން އަޅަން ނިންމި 1700ހައުސިންގ ޔުނިޓުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް، ބޭންކް އޮފް ޗައިނާއިން ދޭން އެއްބަސްވި ލޯނު ނުދިނުމަށް ނިންމައި އެ ބޭންކުން ސަރުކާރަށް އެކަން މިއަދު އަންގައިފިއެވެ.

Ads by MWSC

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. މިއީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅަން ނިންމައިފައިވާ ފްލެޓްތަކުގެ މަޝްރޫއެކެވެ.

މިދިޔަ އަހަރުގެ މާރިޗް މަހުގެ 20ވަނަ ދުވަހު ބިންގާ އަޅައިފައިވާ އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.

މި މަޝްރޫއުއަށް ހަރަދުވާ 308.2 މިލިއަން ރުފިޔާގެ ތެރެއިން 85 ޕަސަންޓް ލޯނުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ބޭންކް އޮފް ޗައިނާއިން ކުރިން އޮތީ އެއްބަސްވެފައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ އައިލްސް ވެބްސައިޓްގައިވާ ގޮތުން 1،700 ހައުސިން ޔުނިޓަށް ފައިނޭންސް ކުރާނެ ކަމަށް އަންގައި ބޭންކް އޮފް ޗައިނާއިން ކުރިން ދޫކޮށްފައިވާ ފައިނޭސިން އޮފަރ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!