ޚަބަރު އިޖުތިމާޢީ

މަސްތުވާތަކެއްޗާ އެކު މާފުށިން ހަ މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑްރަގް އެންފޯސްމަންޓުން ކ. މާފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 51 ދިވެހި ފިރިހެނަކާއި 28 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.

މި ހަ މީހުން ހައްޔަރުކޮށްފައި ވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމަށް އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެރަށަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން ޑިސެމްބަރު 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގައެވެ.

މި ދެއޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކުއެވެ. މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކޮށެވެ. އެސަފާރީ ބަލައި ފާސްކޮށް 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފައެވެ.

މި ދެމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!