ޚަބަރު އިޖުތިމާޢީ

ޕީކް ސީޒަނަށް ރިސޯޓުތައް ފުރިބާރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރިސޯޓެއްގައި މުވައްޒަފުންތަަކެއް މަސައްކަތް ކުރަމުންދާ މަންޒަރު/ ފޮޓޯ: އަވަސް

އެންމެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އަންނަ ދުވަސްކޮޅާ ދިމާކޮށް މިހާރު ވެސް ރިސޯޓުތައް ފުރިބާރުވެއްޖެއެވެ.

Ads by Sosun Fihaara

ރިސޯޓުތަކާ ޓްރެވެލް އޭޖެންޓުން ބުނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ގިނަ އަދަދެއް ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށާއި މިއީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ދުވަސްކޮޅަށް ވެގެންދާނެ ކަމަށެވެ.

މިއަހަރުގެ މިހައިތަނަށް މިހާރުވެސް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިންޑިއާއާއި ރަޝިޔާއިން އައި ޓޫރިސްޓުންނެވެ. އެ ދެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ހަތަރު ލައްކައަށް އަރައެވެ.

ޕީކް ސީޒަންގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތަކާ ގުޅޭގޮތުން އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ، މިއީ ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅަށް ކުރިއަރަމުން އަންނާނެ ދުވަސްވަރު ކަމަށެވެ. އެގޮތުން ފާއިތުވީ 10 އަހަރު ދުވަހު ރާއްޖޭގެ އޮކިއުޕެންސީ ކުރި ނާރާ ވަރަށް މި އަހަރުގެ މި ދުވަސްކޮޅު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި 50،000 ބެޑް ކެޕޭސިޓީ ހުރި އިރު، ހުރިހާ ރިސޯޓުތަކެއް ވެސް މިވަގުތު ވަނީ ފުރި ބާރު ވެފައިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ގިނަ ރިސޯޓުތައް ހުރީ އޯވާބުކްވެފައި. ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުން ވާނީ އިތުރު،" ފިރާގު ވިދާޅުވިއެވެ.

ޕީކް ސީޒަނާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައް ހުރީ އަންނަ ޖެނުއަރީއާ ހަމައަށް އޯވަރބުކްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!