އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރަނީ އިސްލާމީ ތައުލީމުގެ ބިންގާ ނެތިކޮށްލަން: އުމަރު
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލައި އެތަނަކީ ދަރިވަރުން ކިޔެވުމަށް ރައްކާތެރި ތަނަކަށް ނުވާތީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކީ އިސްލާމީ ތައުލީމީ ބިންގާ ނެތިކޮށްލުމަށް ކުރި ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ މި ރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެ މުހިއްމު އެއް ތަނބު ކަމަށެވެ. އަދި އެ މަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި, އިސްލާމީ ތަރުބިޔަތުގެ ރިވެތި އުސޫލު ދެމެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރާ ތަނެއް ކަމަށާއި އެ މަދަރުސާއިން އިސްލާމީ ތަޢުލީމު އުނގެނެމުންދާ ގިނަ ދަރިވަރުންނަކީ އަޚުލާގީ ގޮތުން ރިވެތި ނަމޫނާ ބައެއް ކަމަށް ވިދާޅުވިއެވެ.
"އެ މަދަރުސާގެ ލޮބުވެތި އުސްތާޛުންނާއި, ޢިއްޒަތްތެރި ބެލެނިވެރިން މިއަދު އެތިއްބެވީ ވަރަށް ބޮޑަށް ފިކުރުވެރިވެ ގޮތް ހުސްވެފައި. ސަބަބަކީ ދަރިވަރުންނަށް ލިބެމުން ދިޔަ އިސްލާމީ ތަޢުލީމުގެ މަތިވެރި ރިވެތި އުސޫލުތައް ގެއްލިގެން ހިނގައިދާނެތީ." އުމަރުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
700އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ދިމާވި މައްސަލަތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ، އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށް ކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ, އިސްލާމީ ތަޢުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަޑު ސަރުކާރަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް އިލްތިމާސް ކުރާނީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނިކޮށް ނުލައްވައި, ވަކި ސްކޫލެއް އެދަރިވަރުންނަށް ހަމަޖައްސަވައި ދެއްވުމަށް. އަދި އިސްލާމިކް މިނިސްޓްރީއިން ވެސް މިކަމަށް ބާރު އަޅުއްވައި ދެއްވުމަށް ގޮވައިލަން." އުމަރު ވިދާޅުވިއެވެ.